ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޓިކެޓް ލިބިދާނެ ކަމަށާއި، ނަމަވެސް ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބު ވުމަކީ ނުވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް އިންތިޚާބީ ވާދަވެރިކަމާއި، މިހާރު ހިނގަމުންދާ ކޯލިޝަން ވެރިކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. ދެބަޔަކަށް ބައިބައި ވެފައިވާ އެމްޑީޕީގައި ބޯދިގުގެ ތާއީދު އޮތީ ރައީސް މުހައްމަދު ނަޝީދަށެވެ. އޭނާއަކީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރެކެވެ.
ބޯދިގު ވިދާޅުވީ ކުރިއަށް އޮތް ޕްރައިމަރީގައި ވާދަކޮށް ރައީސް ޞާލިހަށް ޕާޓީ ތެރެއިން ހެދެން އޮތް އެއްޗެއް ހަދާފައި ޓިކެޓް ނެގިދާނެކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ ކާމިޔާބު ކުރަން ބޭނުންވާ އިންތިޚާބު ކަމަށާއި، ނަމަވެސް އެމްޑީޕީގެ ގްރާސްރޫޓް ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަމަށެވެ. ފެނިގެންދަނީ އެމްޑީޕީ ތެރެއިންވެސް އިތުރު "ޒައީމް" އެއް އުފެދޭ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރައިމަރީން ޓިކެޓް ނެގިދާނެ ފެލާލާފަވެސް، އެކަމަކު ކިހިނެއް ހަދާނީ 2023! އެމްޑީޕީ ގްރާސްރޫޓް މެމްބަރުންގެ ނިންމުން އިބޫ އަށް އޮންނާނެބާ؟ 2024 ގައި ޖަލުގަބާ؟ އަނެއްކާ އަނެއް ކުޑަ "ޒައީމް" އެއް އުފެދެނީބާ؟ އެހެން ނޫނީ މަގޭ ދަރިން ނިކުމެ "އިނަފް އިސް އިނަފް" ކިޔާފަ ނިކުމެ ވައްޓާލަންބާ ޖެހޭނީ. ވަރަށް ދެރަ.
– މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ޕްރައިމަރީއާ ހަމައަށް އެމްޑީޕީ ވާސިލުވިއިރު, އެ ޕާޓީގެ ތެރެ ވަނީ ވަރަށް ބޮޑަށް ފަޅިވެފައެވެ. ރައީސް ސޯލިހުގެ ކޮންޓްރޯލް ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަރުގަދައަށް އޮތްއިރު, ނަޝީދަށް ވަނީ ޕާޓީން ތެރޭން ހުރަސްތަކާ ކުރިމަތިވެފައެވެ. އަދި އިންތިހާބާ މެދު ގެންދަވަނީ ތުހުމަތުތައް ކުރައްވަމުންނެވެ.
އެގޮތުން, ޕްރައިމަރީގެ އިންސާފުވެރިކަމާ މެދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެންމެ ބޮޑު ސުވާލެއް އޮތީ ވޯޓުލެވޭ އެމްޑީޕީގެ މެންބަޝިޕް ރަޖިސްޓްރީއާ މެދުއެވެ. ނަޝީދު ތުހުމަތު ކުރައްވާ ގޮތުން, އެ ޕާޓީގައި ފެށުނު ދުވަހުން ފެށިގެން ތިބި ގިނަ މެންބަރުންތަކެއް, ސޯލިހަށް ވޯޓު ނުލާނެތީ, ވަނީ ވަކިކޮށްފައެވެ.
އެކަމަކު, އެމްޑީޕީން އެކަމާ ހިތާމަކޮށް މެންބަޝިޕް ރަޖިސްޓްރީގައި އެފަދަ ކަމެއް ހިނގާފައިނުވާނެ ކަމަށް ވަނީ ބުނެފައެވެ. މެންބަރުން ވަކިވެފައިވަނީ ފިންގަޕްރިންޓާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުން ގެނައި ބަދަލާ އެކު ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.