ވ. އާރަށް ކުއްޔަށް ދިނުމަށް ކުރެވުނު މުއާމަލާތުގައި ރިޝްވަރު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ، ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީނަށް އިންސާފު ހޯދާ ދިނުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހުކުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ހުކުމެއް ކަމަށާއި، މިހުކުމުގެ މަގުސަދަކީ އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމުގެ ގޮތުން އިއްވާފައިވާ ހުކުމެއް ކަމުގައެވެ.
އެހެންކަމުން ޔާމިނަށް ކޮށްފައިވާ ހުކުމަކީ މާލޭ ސިޓީއަށާއި ދިވެހި އުއްމަތަށް ލިބެންދިޔަ ނިކަމެތިކަމެއް ކަމުގައި މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި ހުކުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން، ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއް ކަމަށާއި، ހުކުމް ކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއެކުކަން އެގި ހާމަވާކަމުގައިވެސް މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިގޮތުން ޔާމީނަށް އިންސާފު ހޯދާދިނުމަށް ކަމާއި ގުޅުންހުރި ހުރިހާ މުވައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުންވަނީ ގޮވާލާފައެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން ކުރި ޚިޔާނާތާއި ރިޝްވަތުގެ ތުހުމަތުގައި، 2 ދަޢުވާއެއް ސާބިތުވެ ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 11 އަހަރަށް ޖަލަށް ލާށެވެ.
މިއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ޔާމިންގެ މައްޗަށް ދަށު ކޯޓުން ހުކުމް ކުރި ދެވަނަ ފަހަރެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ޔާމިންގެމައްޗަށް އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ސުޕްރިމް ކޯޓުން ބާތިލް ކުރުމާއިގުޅިގެން ޖަލުން މިނިނަވްވިތާ އަހަރެއްހާ ދުވަސްފަހުން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި ކުރިމިނަލް ކޯޓުން މިފަހަރު ޔާމިންގެ މައްޗަށް އިއްވާފައިވަނީ 11 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ މީރާއަށް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.
ކޮމެންޓު ފޮނުވާ