އަންނަ އަހަރު އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް ގުޖުރާތީ ފިލްމު، "ޗެލޯ ޝޯވ: ލާސްޓް ފިލްމު ޝޯވ" ފޮނުވަން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
މި ފިލްމު މިހާރު ވަނީ އިންޓަނޭޝަނަލް ފީޗަރ ފިލްމު ކެޓަގަރީ އިން ޖާގައެއް ހޯދާފައެވެ. ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސް އިން ވަނީ 10 ކެޓަގަރީއަކަށް ޝޯޓު ލިސްޓު އިއުލާނުކޮށްފައެވެ. އެ ކެޓަގަރީތަކަކީ ޑޮކިއުމެންޓްރީ ފީޗަރ، އިންޓަނޭޝަނަލް ފިލްމު، މޭކަޕް އެންޑް ހެއާ ސްޓައިލިންގް، ސްކޯ، އޮރިޖިނަލް ސޯންގް، ސައުންޑް، ވިޝުއަލް އިފެކްޓްސް އަދި ޝޯޓްސް އެވެ.
އެ ފިލްމަކީ ގުޖުރާތީ ފިލްމަކަށްވާތީ އާންމުންގެ ތެރޭގައި އެހާ ބޮޑަށް ދަންނަ ފިލްމެއް ވެސް ނޫނެވެ. އަންނަ އަހަރުގެ އޮސްކާއަށް ފޮނުވަން އެ ފިލްމު ހޮވުމުން އެ ފިލްމުގެ ޑައިރެކްޓަރު ޕަން ނަލިން ބުނީ އެފަދަ ދުވަހެއް ފެނިދާނެ ކަމަށް އޭނާ ހިތަށް ވެސް ނާރާ ކަމަށެވެ. އެކަމަކު އޭނާގެ ގިނަ ފިލްމުތަކަކީ ބޭރު ގައުމުތަކުގައި ޕްރިމިއާކޮށް އާންމުންގެ ތަރުހީބު ވެސް ލިބުނު ފިލްމުތަކެއް ކަމަށް ބުންޏެވެ.
"ޗެލޯ ޝޯވ" ގެ އިތުރުން އެސްއެސްރާޖަ މޯލީގެ ހިޓް ފިލްމު "އާރްއާރްއާރް" ގެ ލަވައެއް ކަމަށްވާ "ނާޗޯ ނާޗޯ" ވެސް ވަނީ އެންމެ މޮޅު އޮރިޖިނަލް ސޯންގް ގެ ކެޓަގަރީއަށް ޝޯޓް ލިސްޓުވެފައެވެ.
އިންޑިއާގެ އެއްވެސް ފިލްމަކަށް މިހާތަނަށް އޮސްކާ ލިބިފައެއް ނުވެ އެވެ. އެކަމަކު "މަދާ އިންޑިއާ" އާއި "ސަލާމް ބޮމްބޭ" ވަނީ އެންމެ މޮޅު ފަސް ފިލްމުގެ ނޮމިނޭޝަންގައި ހިމެނިފަ އެވެ.
"ޗެލޯ ޝޯ" އާއިއެކު އިންޓަނޭޝަނަލް ފީޗަރ ފިލްމުގެ ކެޓަގަރީއަށް ވާދަ ކުރާ އެހެން ފިލްމުތަކުގެ ތެރޭގައި "އާޖެންޓީނާ"، "1985″، "ޑިސިޝަން ޓު ލީވް"، "އޮލް ކުއައިޓް އޮން ދަ ވެސްޓާން ފްރަންޓް"، "ކްލޯޒް" އަދި "ދަ ބްލޫ ކެޕްޓަން" ހިމެނެއެވެ.
ކޮމެންޓު ފޮނުވާ