ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީން މައްޗަށް ކުށް ސާބިތުވެ، އަދަބު ކަޑައެޅުމުގެ ޝަރީއަތް މިއަދު މެންދުރުފަހު 2:00 އަށް ތާވަލް ކޮށްފިއެވެ.
މިމައްސަލާގައި މިއަދު ހެނދުނު ބޭއްވުނު ފުރަތަމަ ދަންފަޅީގައި ގާޒީ ވިދާޅުވެފައިވަނީ ޔޫސުފް ނައީމަށް އެއްމިލިއަން ޑޮލަރު ރައިސް ޔާމީނަ ދީފައިވާކަން ސާބިތުވާ ކަމަށެވެ. އެކަން ބޭންކް ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށާއި، ޔާމީން ޔޫސުފް ނައީމްގެ ޗެކް ބަލައިގަތް ކަމާއިމެދު ސުވާލެއް ނެތް ކަމަށެވެ. މިހައިހިސާބުން ޝަރީއަތުން ބަލަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހެއްގެ އެކައުންޓަށް މިހައި ގިނަ ފައިސާ ޖަމާވީ ކީއްކުރަންތޯ ކަމަށާއި، ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ނުވާނެ ކަންކަން ބަޔާން ކޮށްފައިވާކަމަށްވެސް މިއަދުގެ ހެނދުނު ދަންފަޅީގެ ޝަރީޢަތުގެ މަޖިލިހުގައި ހުކުމް އިއްވަމުން ގާޒީ ޝަކީލް ވިދާޅުވެފައި ވެއެވެ.
މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށެވެ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެއެވެ.
މިއަދުގެ ޝަރީއަތުގައި ރައީސް ޔާމިންގެ މައްޗަށް ކުށް ސާބިދު ވުމާއި ގުޅިގެން މިހާރު ކުރިޔަށް ދަނީ އަދަބާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދެއްކުމުގެ މަރުހަލާއެވެ.
އަދަބާއި ގުޅޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ރައީސް ޔާމިންގެ ފަރާތުންވެސް އަދި ޔޫސުފް ނައީމްގެ ފަރާތުންވެސް އެދިފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އެންނެ ދިގު މުއްދަތު ކަމުގައިވާ 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ގާޒީ ޝަކީލް ޝަރީއަތުގެ ހެނދުނު ދަންފަޅި ނިންމަވާ ލައްވަމުން ވިދާޅުވެފައިވަނީ މެންދުރުފަހު 2:00 ގައި ޝަރީއަތުގެ ދެވަނަ މަރުހަލާގައި އަލުން އަދަބާއި ގުޅެގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު މިއަދު އަދަބު ކަނޑައަޅާ ހުކުމް އިއްވަވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ