ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި އެޗްޑިސީން ގިނައަދަދެއްގެ ވީލްޗެއަރ ރޭމްޕްތައް ގާއިމް ކޮށްފިއެވެ.
ހުޅުމާލެ ފޭސް 1 ގައިވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ފޭސް 1ގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއަރ ރޭމްޕް މިހާރު ގާއިމް ކޮށްފައިވާކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަކަމާއެކު، ހުޅުމާލެ ފޭސް 2ގެ ހިޔާ ފުލެޓުގައި ވީލްޗެއަރ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު އެއްކޮށް ނިންމާލާފައިވާކަމަށް ކުންފުނިން ހާމަކޮށްފައި ވެއެވެ. މިގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕް ވަނީ ގާއިމްކުރެވިފައެވެ.
އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕް ގާއިމުކުރުމުގެ މަގްސަދަކީ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެންމީހެއްގެ އެހީއާއި ނުލައިވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެ މަގު ފަހިކުރުން ކަމުގައެވެ.
އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުވެ، ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުހިންމުކަމެއް ކަމުގައި ކުންފުނިން ދެކޭކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ. އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައިވެސް ވީލްޗެއަރ ރޭމްޕް ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމުގައެވެ.
ހުޅުމާލެގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވަމުން ދާއިރު، ހުޅުމާލެގައި ދިރިއުޅެމުންދާ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް ގެންނަމުން ދާކަމުގައިވެސް އެޗް.ޑީ.ސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ