ފުއްގިރި މައްސަލައިން އިސްގާޒީ ޝަކީލް ތަނާޒުލްވެއްޖެ

ފުއްގިރި މައްސަލައިން އިސްގާޒީ ޝަކީލް ތަނާޒުލްވެއްޖެ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް މައްސަލައިން ތަނާޒުލްވެވަޑައިގެންފިއެވެ.

މައްސަލައިން ތަނާޒުލްވެވަޑައިގެންނެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ވެސް މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދެ ބޭފުޅަކަށާއި ދެ ކުންފުންޏަކަށް ދައުވާކޮށްފައިވެއެވެ. އެއީ ކުރީގެ ރައީސް ޔާމީނާއި، ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ ގެ މައްޗަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްގާޒީ ޝަކީލު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާ ގުޅިގެން ފުއްގިރި މައްސަލަ އާއި ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއެވެ.

ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަ ވެސް ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *