އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމުގައި ބަހަނާދައްކަނީ ދަޢުވާކުރުމުގެ ޤާނޫނީ މުއްދަތު ގެއްލުވާލަންކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރޕާސަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތަޙްޤީޤުކުރުމުގެ ފަންނު ކޮރަޕްޓް ނުވާނަމަ، އެމް.އެމް.ޕީ.އާރ.ސީ ކޮރަޕްޝަންގެ ތަޙްޤީޤުކޮށް ގެއްލުނުފައިސާ ހޯދުމަކީ، މިހާރުހުރި ޤާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ޔަޤީންކަމާއިއެކު ކުރެވޭނެ ކަމެއްކަމަށެވެ. އެ މަސައްކަތް ނުނިންމާ އެކި ބަހަނާދައްކަނީ ދަޢުވާކުރުމުގެ ޤާނޫނީ މުއްދަތު ގެއްލުވާލަންކަމަށް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ތަޙްޤީޤުކުރުމުގެ ފަންނު ކޮރަޕްޓް ނުވާނަމަ، އެމް.އެމް.ޕީ.އާރ.ސީ ކޮރަޕްޝަންގެ ތަޙްޤީޤުކޮށް ގެއްލުނުފައިސާ ހޯދުމަކީ، މިހާރުހުރި ޤާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ޔަޤީންކަމާއިއެކު ކުރެވޭނެ ކަމެއް
އެ މަސައްކަތް ނުނިންމާ އެކި ބަހަނާދައްކަނީ ދަޢުވާކުރުމުގެ ޤާނޫނީ މުއްދަތު ގެއްލުވާލަން— Ismail Zariyand (@zariyand) December 10, 2022
އެމްއެމްޕީއާރުސީގެ ތަޙްޤީޤް އެކަށީގެންވާގޮތެއްގައި ކުރެވި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ނުއުފުލޭކަމުގެ ކަންބޮޑުވިން އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ކުރެއެވެ. މިކަން ނުކުރެވޭނަމަ ދައުލަތް ފެއިލްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ބަލައި އެކަމުގައި ބައިވެރިވުން އޮތްކަމަށް ބުނާ މީހުންގެ ލިސްޓެއް ޢާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ވަޒީރުންނާއި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ދައުވާ ނުކޮށް އޮތުމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ މިސަރުކާރުގެ އެއްވަޒީރަކީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފެވެ. ނަމަވެސް މިހާތަނަށްވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި މަޤާމުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ