ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް

ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް

Author
ޢަލީ އާދަމް
07 ޑިސެމްބަރ 2022 11:31
0

މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމަށް ދަނޑުވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެކައުންސިލުން ބުނެފިއެވެ.

ސިޓީކައުންސިލުން ބުނީ މި ޕްރޮގްރާމަށް ހައްދާ ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމް ކުރި ނާސަރީ އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލުމާއިއެކު، ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތަކުގެ ދަނޑުވެރިންގެވެސް ބޮޑު ތަރުޙީބެއް ލިބެންފަށާފައިވާކަމަށެވެ.

އެގޮތުން ކައުންސިލްގެ ޓީމުން އަތޮޅުތަކުގެ ދަނޑުވެރިންއަތުން ގަސްތައް ގަންނަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ އުސޫލެއްގެދަށުންކަން ކައުންސިލުން ފާހަގަކުރެއެވެ. މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީ އިން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ”މާލެ ފެހި“ އައުޓްލެޓަށް ބޭނުންވާ ގަސްތައް އަތޮޅުތަކުގެ ދަނޑުވެރިންއަތުން ގަތުމަކީ ގަސްހައްދާ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއްކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ދަނޑުވެރިން ސިފަކުރާކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ ގަސް ޕްރޮގްރާމަށް ލިބެމުންދާ ތަރުޙީބާއ ގުޅޭގޮތުން ގަސްކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު ވިދާޅުވީ މި ޕްރޮގްރާމް ފެށިއިރުވެސް މޭޔަރު މުޢިއްޒު އާއި ކައުންސިލްގެ ވިސްނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެމީހުންނަށްވެސް މަންފާވާގޮތަށް މިކަން ކުރިއަށްގެންދިއުން ކަމަށެވެ.

އެކި ލެވެލްގަ ގަސް ހައްދާ މީހުން ރަށްރަށުގަ އެބަތިބި، ވިޔަފާރި އުސޫލުން ވަރަށްފުޅާ ދާއިރާއެއްގަ މަސައްކަތްކުރާ މީހުން އެބަ ތިބި. އެކަމަކު ގިނަ ބަޔަކުމިތިބެނީ އެގަސްތައް ވިއްކޭނެގޮތެއް، މާކެޓް ކުރެވޭނެ ގޮތެއް ނެތިފަ. އެހެންވީމަ އަޅުގަނޑުމެން ފަށައިގަތްއިރުވެސް މިގޮތަށް ރޭވީ“އަބްދުﷲ ނާޞިރު ވިދާޅުވިއެވެ،

ކައުންސިލަރ އަބްދުﷲ ނާޞިރު ވިދާޅުވީ "މާލެ ފެހި " ޑިޒައިން ކުރެވިފައި ވަނީ ގަސް ގަންނަ ސެންޓަރެއްގެ ގޮތުގައި ގޮތުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީއިން އަތޮޅުތެރޭގެ ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން ބަލްކްކޮށް ގަސްތައް ގަންނަމުންދާކަމަށެވެ. މިއާއިއެކު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަދި ބަގީޗާގަސްތައް ހައްދާ ފަރާތްތަކަށްވެސް ވަރަށްބޮޑު އުފަލަކަށް މިކަން ވެގެންދިޔަކަމަށާއި، ދަނޑުވެރިންގެ ވަރަށްބޮޑު ތަޢުރީފެއްމިކަމަށް ލިބި ދަނޑުވެރިން ތިބީ އުފަލުން ކަމުގައި އަބްދުﷲ ވިދާޅުވިއެވެ.

"މާލެ ފެހި" އައުޓްލެޓަށް ލިބެމުންދާ ޑިމާންޑާއި ގުޅޭގޮތުން އަބްދުﷲ ވިދާޅުވީ މި ޕްރޮގްރާމް ފަށައިގަތްއިރު މިވަރުގެ ޑިމާންޑެއް ލިބިދާނެކަމަށް ޤަބޫލުވެސް ނުކުރެވޭ ކަމަށާއި، ޓާގެޓަށްވުރެވެސް ލިބެމުންދާ ތަރުޙީބު ރަނގަޅުކަމަށެވެ. "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުގެ ރެއެވެ. "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.