އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރުއްވާފައިވާ މާލިއްޔަތާއިބެހޭ ސާކިއުލާގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ.
ނަމަވެސް ސިސްޓަމް މެދުވެރިކޮށް މި ފީ ނިސްބަތްވާ ކައުންސިލުގެ އެކައުންޓަށް ޖަމާކުރެވޭނީ 31 ޑިސެމްބަރުގެ ކުރިން ކައުންސިލުތަކުގެ ބޭންކު އެކައުންޓްތައް ބަނޑޭރި ޕޭއާއި އިންޓަގްރޭޓްކޮށްގެން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އެހެންކަމުން 1 ޖެނުއަރީން ފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގާފައިވާ ގޮތުގެ މަތިން 31 ޑިސެމްބަރުގެ ނިޔަލަށް ބަނޑޭރި ޕޭއާއި އިންޓަރގްރޭޓްކޮށްފައިވާ ކައުންސިލުތަކުގެ ބޭންކު އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
މިމުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކު އެކައުންޓް ބަނޑޭރި ޕޭއާއި އިންޓަގްރޭޓްނުކޮށްވާނަމަ އެކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް އެކައުންޓަށެވެ. މީގެއިތުރުން 2022 ވަނަ އަހަރުގެ ތެރޭޣައި އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީގެ ގޮތުގައި ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާވެފައިވާ އާމްދަނީ އެ ފީ ނިސްބަތްވާ ކައުންސިލްތަކަށް ޓްރާންސްފަރކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއިން ލިބޭ އާމްދަނީ އެ އުޅަނދެއް ދުއްވާ ރަށެއްގެ ކައުންސިލަށް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ