މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "ބޫލް ބުލައްޔާ 2″ ގެ ތަރި ކިއާރާ އަދުވާނީ އަކީ ވަރަށް ވަގުތަށް ފަރުވާތެރި ތަރިއެއް ކަމަށް ކޯސްޓާރު ކާތިކް އާރިޔާން ބުނެފިއެވެ.
ކިއާރާގެ ކިބައިން އެއްޗެއް ދަސްކުރާ ކަމުގައިވަނީ ނަމަ އޭނާފަދައިން ގަޑިއަށް ކަމޭހިތުމަށް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ގިނަ ތަރިންގެ އެ އާދަ ނެތި ގޮސްފައިވާކަމަށް ކާތިކް ވަނީ ބުނެފައިއެވެ.
ވަކި މީހަކަށް އެކަމުގެ އިނގިލި ދިއް ނުކުރާ ކަމަށާއި، ނަމަވެސް ތަރިންނަކީ މިހާރު ވަގުތައް ކަމޭހިތާ ބައެއް ނޫންކަމަށާއި، އޭގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށް ކާތިކް ވަނީ ބުނެފައެވެ. ނަމަވެސް އެހެެން ތަރިންނާއި ހިލާފަށް ކިއާރާ އަކީ ވަރަށް ވަގުތަށް ކަމޭހިތާ ތަރިއެއް ކަމަށް ކާތިކް ވަނީ ބުނެފައެވެ.
ކާތިކާއި ކިޔާރާ އަދުވާނީގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެންނިގެން ދިޔަ "ބޫލް ބުލައްޔާ 2″ އަކީ ބޮކްސްއޮފީގުގައި ވަރަށް ކާމިޔާބު ފިލްމެކެވެ. އެއާ އެކުގައި އެ ތިން ތަރިންގެ ޑިމާންޑް، ހާއްސަކޮށް ޒުވާން އެކްޓަރު ކާތިކްގެ ޑިމާންޑް މިހާރު އިންޑަސްޓްރީގައި ވަރަށް ބޮޑެވެ.
"ބޫލް ބުލައްޔާ 2″ އަކީ 2007 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ފިލްމު "ބޫލް ބުލައްޔާ"ގެ ސީކުއަލްއެވެ. އެ ފިލްމުން ފެހިގެންދިޔައީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއެވެ.