އަކްޝޭ ކުމާރުގެ ސިލްސިލާ ފިލްމް "އޯ މައި ގޯޑް" ގެ ދެވަނަ ފިލްމު އަންނަ އަހަރުގެ އޭޕްރިލްގައި ސިނަމާތަކަށް އަންނާނެ ކަމަށް އޭނާ ބުނެފިއެވެ.
މިހާރު ސައުދީ އަރަބިއާގެ ޖިއްދާގައި ކުރިއަށްދާ ރެޑްސީ ފިލްމު ފެސްޓިވަލްގައި ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު އޭޕްރިލް މަހުގައި ސިނަމާތަކަށް އަންނާނެ ކަމަށެވެ.
ލީޑް ރޯލުން އަކްޝޭ ކުމާރާއި ޕަންކަޖް ތުރިޕާޓީ ފެނިގެން ދާނެ މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޔަމީ ގޯތަމްއެވެ. މިހާރު ޝޫޓިން ނިންމާފައިވާ ފިލްމު އަޅުވާ ސީދާ ތާރީހް އެކްޓަރު ހާމަކޮށްފައެއް ނުވެއެވެ.
"އޯ މައި ގޯޑް" އިން އަކްޝޭ އާއިއެކުގައި ޕަރޭޝް ރާވަލް، މިތުން ކަޗަކްރޮބަތީ، އޯމް ޕޫރީ އަދި ގޯވިންދާ ނާމްދޭވްގެ އިތުރުން ޓިސްކާ ޗޯޕްރާވެސް ފެނިގެންދިޔައެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ބީކޭ މޯދީ ވިކްރަމް މަލޯތްރާ އަދި އަކްޝޭ ކުމާރެވެ. ޑައިރެކްޓަރަކީ އުމޭޝް ޝުކްލާއެވެ.
މީގެ ފުރަތަމަ ފިލްމުން ފެނިގެން ދިއަ ހިންދޫއިންގެ ކަލާންގެ ކްރިޝްނާގެ ރޯލުން މިފަހަރުވެސް ފެނިގެން ދާނީ އަކްޝޭއެވެ. "އޯ މައި ގޯޑް2″ ގެ ޕްރޮޑިއުސަރަކީ އަޝްވިން ވާރްދޭ އާއި އަކްޝޭ ކުމާރެވެ.