އެތައް މަސައްކަތަކުން އެތައް ޤުރުބާނީއެއްވެގެން ގެނައި އެމްޑީޕީގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމަށާއި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް، މުޅި ޢުމުރުގައި ނުކުރާވަރަށް ކުރި މަސައްކަތް ވެއްޔާ މޮޑުނަ ނުދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމްގެ މަމްބަ އޭނާގެ ކިބައިން އެދި ނަސޭޙަތްދީފިއެވެ.
ކުރިން ވަރަށްބޮޑަށް ރައީސް ނަޝީދަށް ތާޢީދުކޮށް ވާހަކަދައްކަވާ މީކާއީލް ފަހަކަށް ނަޝީދުގެ ފެކްޝަނާ ޚިޔާލު ތަފާތުވެފައިވާތީ އެފެކްޝަނުގެ ގިނަމެމްބަރުންގެ ނުރުހުނަވަނީ މީކާއީލަށް އަމާޒިުވެފައެވެ. އަދި މީކާއީލްގެ ބަސްމަގު ބަދަލުވެފައިވަނީ އޭނާގެ ޢާއިލީ މީހަކަށް ރައީސް އޮފީހުން ވަޒީފާއެއް ހަމަޖެހުމުންކަމަށް ނަޝީދު ފެކްޝަނުގެ މެމްބަރުން ތުހުމަތުކުރެއެވެ.
ނަމަވެސް މީކާއީލްވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އަބަދުވެސް އޭނާ މަސައްކަތްކުރައްވަނީ އެމްޑީޕީގެ ހައްޤުގައިކަމަށާ، ޕާޓީ ވިޕްލައިނާއެއްގޮތަށް ޢަމަލުކުރުމަކީ ޤަބޫލުކުރައްވާ ހަމަކަމަށް މީކާއީލް ވިދާޅުވެފައިވެއެވެ.
ނަޝީދު ފެކްޝަނުގެ މެމްބަރުންގެ ނުރުހުން މީކާއީލަށް އަމާޒުވެ ސޯޝަލްމީޑިއާގައި އޭނާއަށް އަމާޒުވަމުންދާ ފާޑިކިއުންތަކާ ގުޅިގެން މީކާއީލްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ކުރެއްވި ޓްވީޓެއްގައިވަނީ މީކާއީލް އެމްޑީޕީއާ ގުޅުނު ގޮތާއި އޭނާ އެމްޑީޕީއަށް ކުރެއްވި މަސައްކަތްތައް ހާމަކޮށްފައެވެ. އެގޮތުން ޢުމުރުން 18އަހަރު ވީދުވަހު އެމްޑީޕީއާ ރަސްމީކޮށް ގުޅި ފެށި މަސައްކަތާއި، ނަޝީދުގެ ވެރިކަން ވެއްޓުމުން 7 އަހަރުދުވަހު މަގުމަތީގައި އުޅުނުގޮތް މަންދީ ވަނީ ހަނދާނަށް ގެނެސްފައެވެ. އަދި އެތައް ދުވަހެއްގެ މަސައްކަތުން ގެނައި މިހަރު މިއޮތް އެމްޑީޕީގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމަށާއި މިހާތަނަށް ކުރި ބުރަ މަސައްކަތް ވެއްޔާ މޮޑުނަ ނުދިނުމަށް މަންދީވަނީ މީކާއީލަށް ނަސޭޙަތްދީފައެވެ.

މީކާއީލްގެ މަންމަ މަންދީ އަކީ އެމްޑީޕީގެ ދުވަސްވީ މެމްބަރެކެވެ. އަދި އެޕާޓީގެ އޮފީހުގެ އިދާރީ މުވައްޒަފެއްގެގޮތުގައި ގިނަސްދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އަދި މީހެކެވެ.
ކޮމެންޓު ފޮނުވާ