ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފިއެވެ.
ފާއިޒް ސްރީ ލަންކާގައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ ރައްޔިތުންގެ މަޖިލިހުގެ 62 މެމްބަރުންގެ ވޯޓުންނެވެ.
ސްރީ ލަންގާއި ހުންނަވާ ސަފީރުގެ މަގާމަށް ފާއިޒް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އުމަރު އަބުދުއްރައްޒާގު ކިންގޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމުންނެވެ.
ސްރީ ލަންކާގެ ސަފީރުކަމަށް މަޖިލީހުން ރުހުން ދެއްވި ފާއިޒް އެންމެ ފަހުން ހުންނެވީ ޕޮލިސް ބޯޑުން ދާދި ފަހުން އިސްތިއުފާ ދެއްވާފައިވާއިރު، ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް އުފައްދާފައިވާ ޕޮލިސް ބޯޑުގެ މަސައްކަތާއި މެދު ހިތްޕުޅާހަމަނުވާކަމަށް ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން ވަނީ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައެވެ. ފުލުހުންގެ ބޯޑަކީ ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެވެ.
ޕޮލިސް ބޯޑް އެކުލެވިފައި އޮންނަނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުންނެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މި މަގާމަށް އަލީ ފާއިޒު އައްޔަންކުރުމަށް ނަން ހުށަހަޅާފައިވާއިރު އޭނާއަކީ މީގެ ކުރިންވެސް ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ފާއިޒަކީ މީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ފާއިޒުގެ ނަން ދިރާސާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށެވެ.
ކޮމެންޓު ފޮނުވާ