ޅ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންއައި އޮޕަރޭޝަން ޑޮކްޓަރު ފިލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފިލައިގެން ގޮސްފައިވަނީ އެމެރިކާއަށެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ފިލައިގެން ދިޔައިރު ހެލްތު މިނިސްޓްރީއަށްވެސް އަންގާފައެއް ނުވެއެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރު މާލެ އައިސްފައިވަނީ ދެދުވަހުގެ އޮފް ނަގައިގެން މީހަކާ އެއްޗެއް ހަވާލުކުރުމަށް ކަމަށް ބުނެއެވެ. އެހެންނަމަވެސް އޭނާ ރާއްޖެއިން ފުރައިގެން ދިޔަކަން އެގުނީ އޭނާ އެބުރި ޑިއުޓީއަށް ނުނިކުތުމުން އޭނާއަށް ވީގޮތެއް ސާފުކުރުމަށް އަތޮޅު ހޮސްޕިޓަލުން ކުރި މަސައްކަތްތަކުންނެވެ.
މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ފިލައިގެންދާ މީހުންނާމެދު އަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުން އޭނާއާމެދު މިނިސްޓްރީން ފިޔަވަޅު އަޅާނެއެވެ. މިނިސްޓްރީން ފިލައިން ދާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެއެވެ.
ރަށްރަށުގައި މަސައްކަތް ކުރާ ޑޮކްޓަރުން ފިލައިގެން ދިއުމުގެ މައްސަލައަކީ މީގެކުރިންވެސް ކުރިމަތިވެފައުވާ މައްސަލައެކެވެ. މިނިސްޓްރީން ބުނެފައިވަނީ މިމައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނާއެކު މަސައްކަތް ކުރަމުން ދާކަމުގައެވެ.
ކޮމެންޓު ފޮނުވާ