ނެތި މޮށުމުގެ ނުބައިކަން!

ނެތި މޮށުމުގެ ނުބައިކަން!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ނެތި މޮށުން މިބަހުގެ މުރާދަކީ މީހަކު ނެތް ތަނުގައި އެމީހެއްގެ ނުބައިވާހަކަ ދެއްކުމެވެ. ޝައްކެތްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނައެވެ. ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ. މިއިންކޮންމެ ނިޢުމަތެއްދެއްވި ކަމަށް ޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާންގެ ރުހިވޮޑިގެންވާ ގޮތުގެ މަތިންނެވެ.

މިގޮތުން އިންސާނުންނަށް ދެއްވި އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށް، ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ. އެކަލާންގެ ވަޙި ބަސްފުޅުގައިވެއެވެ. ﭽﮘﮙﮚﮛﮜﮝﮞﮟﭼالبلد: ٨ – ٩ މާނައަކީ: "ތިމަން ﷲ އެއިންސާނާ އަށް ދެލޯ ނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ".

އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަ ވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إنالعبدليتكلمبالكلمةمايتبينفيهايزلبهاإلىالنارأبعدمابينالمشرقوالمغرب) މާނައަކީ: "އަޅާ ތެދުދޮގު ބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ".

އެހެންކަމުން މި ދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަން ނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ. އަދި ދޫ ފުރިހަމަ ގޮތުގައި ރައްކާ ކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައެވެ. ޙަދިޘް ކުރެއްވިއެވެ. (منيضمنليمابينلحييهومابينرجليهأضمنلهالجنة)، މާނައަކީ: "އެމީހެއްގެ ދެކޯ ދޭތެރޭގައިވާ ތަނާއި)އަނގަ)، ދެފައި ދޭތެރޭގައިވާ ތަން(ފަރުޖު)، ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ".

މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށް ވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއް ދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ". މުޢާޛް ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. "މިއެތި ހިފަހައްޓާށެވެ"، އެހިނދު މުޢާޛް ދެންނެވިއެވެ. "އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!".

ދޫރައްކާތެރިކުރުމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ، (منكانيؤمنباللهواليومالآخرفليقلخيراأوليصمت) މާނައަކީ: "ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނާށެވެ".

އަޅުގަޑުމެންގެ ކަންތައް ހުންނަގޮތާއި މެދު ނަޘަރު ހިންގާލައިފި މީހަކަށް ޢަޖައިބު ކަންތައްތަކެއް ފެނިގެންދެއެވެ. މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފުވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައި ޢާއްމުވެފައިވަނީ ބިރުގަންން ދަރަޖައަށެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ދުލުން ބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއް ކަމާއިމެދު ވިސްނައިނުލައެވެ. ﭽﭪﭫﭬﭭﭮﭯﭰﭱﭲﭼق: ١٨ މާނައަކީ: "އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ".

ދުލުގެ ނުބައިކަމުގެ ތެރެއިން އަޅުގަޑުމެންގެ މުޖްތަމަޢު ގައި އެންމެ ބޮޑަށް ފެތުރިފައިވާ އެއް ކަމަކީ ޣީބަބުނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *