ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަކީ އެމްޑީޕީގެ މެމްބަރުން ދެލޮލުގެ ކޮއި ކަމަށާއި މިވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރާ ކޮންމެ މެމްބަރަކީ އެމްޑީޕީއަށް އައްދާރުވާ މީހެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅު ވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އެމްޑީޕިއަށް އާންމު ރައްޔިތުން މިހާރު އިތުބާރު ނުކުރާކަމަށް ވިދާޅުވެ، މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.
މިސަރުކާރުން ހުށަހެޅި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގެ ތަފްސީލު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ދީފައި ނުވާކަމަށް ވިދާޅުވެ، އަދި އެ ތަފްސީލު ނުދިނުމަކީ އެމްޑީޕީގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓުވީޓަކަށް ކުރެއްވި ކޮމެންޓެއްގައި ސިފާ ވިދާޅުވެފައިވަނީ އެމްޑީޕީއަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށާއި، އެއީ ކޯލިޝަން ޕާޓްނަރުން ބޭނުންވި ގޮތް ކަމުގައެވެ.
އަދި އޭނާ އިތުރަށް ވިދާޅުވީ ކޯލިޝަން ޕާޓްނަރުންނާއެކު ވެވިފައި އޮތް އެގްރީމަންޓުގެ މަގުސަދަކީ އެމްޑީޕީ ފުޑާލުން ކަމަށާއި، ޕާޓީގެ ދުވަސް ދުއްވާލުން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތަކުގައި އެޕާޓީގެ މެމްބަރުން ދަނީ ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ވަނަމުން މުޚާތަބްކޮށް، ވަގަށް ގޮވާ، އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބު ދެމުންނެވެ.
އެމްޑީޕީ ބައިބައިވެ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވަނީ ޕާޓީގެ އެންމެ އިސް ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ