ދަރިން ސްކޫލަށް ފޮނުވަނީ އިސްލާމީ ތަޢުލީމާއި ތަރުބިޔަތު ދިނުމަށްކަމަށާ، ސްކޫލަށް ފޮނުވަނީ އެކުދިން ލައްވައި މިޔުޒިކާއި ނާޗަރަންގީ ކުޅުވައި އެމަގުން ކުރިޔަށްދާން ދަސްކޮށްދޭކަށް ނޫންކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަހްމަދު ސަމީރު ނުރުހުން ފާޅުކުރައްވައިފިއެވެ.
އައްޝައިޚް އަޙްމަދު ސަމީރު މިހެން ވިދާޅުވީ އއ.އުޅަހު ސްކޫލުގެ ޕްރީ ސްކޫލް ދަރިވަރުން ލައްވައި މިއުޒިކާއެކު ނަޝުވަން ދެކޮޅު ހެދި ޓީޗަރުންތަކެއް ސަސްޕެންޑްކުރި މައްސަލައެއް ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިއުން އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެފައި ވާ ދަނޑިވަޅެއްގައެވެ. ޝައިޚް އިޝާރާތްކުރައްވަނީ މި މައްސަލައަށްކަމަށް ބެލެވެއެވެ. ޝައިޚް ސަމީރު ކަންބޮޑުވުން ފާޅުކުރައްވައި އޭނާގެ ފޭސްބުކުގައި ވަނީ ތަޢުލީމީ ދާއިރާގެ އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
"އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ފޮނުވަނީ އިސްލާމީ ތަޢުލީމާއި ތަރުބިޔަތު ދޭން! ސްކޫލަށް ފޮނުވަނީ އެކުދިން ލައްވައި މިޔުޒިކާއި ނާޗަރަންގީ ކުޅުވައި އެމަގުން ކުރިޔަށްދާން ދަސްކޮށްދޭކަށް ނޫން!މި މަގުން ދަރިން ތަކެއް ހަލާކު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ! ކުދިންނާމެދު މާތް الله އަށް ބިރުވެތި ވުމަށް ތަޢުލީމީ ދާއިރާގެ އެންމެހައި ބޭފުޅުންނަށް ނަޞޭޙަތްތެރިވަން!" އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.
އއ.އުކުޅަހު ސުކޫލު ޕްރީސުކޫލް ދަރިވަރުން ލައްވައި މިއުޒިކާއި އެކު ނަށުވަން ސްކޫލުގެ މެނޭޖުމަންޓުން ރާވައި އެކަން އެންގެވެމުމުން ބައެއް ޓީޗަރުންވަނީ އެކަމާ ދެކޮޅުހަދާފައެވެ. ދެކޮޅު ހެދި ދެ ޓީޗަރުން ސްކޫލުންވަނީ ސަސްޕެންޑްކޮށްފައެވެ. މިކަމާ ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ސްކޫލުގެ މެނޭޖުމަންޓު ދިފާޢުކޮށް ވާހަކަދައްކާފައެވެ.
ކޮމެންޓު ފޮނުވާ