ރަތްކަނޑާއި އެ ސަރަހައްދުގެ ކަނޑުއޮޅިތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އެކުލަވާލި ޚާއްޞަ ދިފާޢީ ކޯލިޝަނުގައި ދިވެހިރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މުޢާހަދާގައި ސޮއިކުރެއްވުމަށް ހުއްދައަށް އެދިވަޑައިގެން ފޮނުއްވި މައްސަލަ މަޖިލީހުން ފާސްކޮށްފައިވަނީ 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ބާބުލް މަންދަބާއި އަދަން ކަނޑުއޮޅި އަދި ރަތްކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަކީ މި ކޯލިޝަނުގެ މައިގަނޑު މަޤުޞަދެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައާއި ވިޔަފާރީގެ ދަތުރުފަތުރަށް ރައްކާތެރިކަން ލިބިގެންދާނެއެވެ.
ޖުލައި 30 ގައި ރަސްމީކޮށް އިޢުލާނުކުރި މި އިއްތިހާދުގައި ތުރުކީ، މިސްރު، ޕާކިސްތާނު، ޤަތަރު އަދި ކުވެއިތު ފަދަ 13 އަށްވުރެ ގިނަ ޤައުމުން ވަނީ ބައިވެރިވެފައެވެ. ކޯލިޝަން ލީޑުކުރާނީ ސައުދީންނެވެ. މައި މަރުކަޒު ޤާއިމުކުރެވިފައި ހުންނާނީ ވެސް އެ ޤައުމުގައެވެ.
ކޮމެންޓު ފޮނުވާ