ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން: ބްލައިންޑް އެސޯސިއޭޝަން

ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން: ބްލައިންޑް އެސޯސިއޭޝަން

Author
އަހުމަދު
18 އޮގަސްޓް 2026 05:03
0

މާލޭގެ ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ފުރިހަމައަށް ރިޢާޔަތްކޮށްގެން ކަމަށް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްލައިންޑް އެސޯސިއޭޝަން) އިން ބުނެފިއެވެ.

އެ ޖަމްޢިއްޔާއިން މީސްމީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި، މެންބަރަކު ވަނީ ކޭން ބޭނުންކޮށްގެން އަލަށް ހެދި ޕޭވްމަންޓުގައި ހިނގާލުމަށްފަހު އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އޭނާ ބުނިގޮތުގައި، މިހާރު ކޭން ޖައްސައިގެން ހިނގަން ފަސޭހަވެފައި، ޖެޓީތަކާ ޕޭވްމަންޓާ ދެމެދު އެކަށީގެންވާ ދުރުމިނެއް ހުރުމުން ވެއްޓިދާނެ ބިރެއް ނެތެވެ. އަދި ކުރިން އެންމެ ބޮޑު ކަންބޮޑުވުމަކަށްވި ޕޭވްމަންޓު މެދުގައި ލައިޓް ދަނޑި ޖެހުމުގެ މައްސަލައަށް ވެސް ރަނގަޅު ހައްލެއް ގެނެސް، ލައިޓް ދަނޑިތައް ރުއްޖަހާފައިވާ ސަރަޙައްދާ ދިމާއަށް ބަދަލުކޮށްފައިވާ ކަން ފާހަގަކުރިއެވެ.

މީގެއިތުރުން، މަގު ހުރަސްކުރާ ކްރޮސްވޯކްތައް ފަރުމާކޮށްފައިވަނީ ލޮލަށް ނުފެންނަ މީހުންނަށާއި ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށެވެ. މަގުގައި 'ޓެކްޓައިލް ޕޭވިންގ' އަޅާފައިވުމުން، ސްމާޓް ކޭން ބޭނުންކޮށްގެން އެހެން މީހެއްގެ އެހީއަކާ ނުލައި އެކަނިމާއެކަނި ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

މިއީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއްކަން ފާހަގަކޮށް، ބްލައިންޑް އެސޯސިއޭޝަނުން ވަނީ ސަރުކާރަށާއި މަޝްރޫޢު ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުގެ މަޝްރޫޢުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ބައްޓަންވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.