ހޮރައިޒަން ފިޝަރީސްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް އެ މައްސަލަ ހައްލުކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ ހޮރައިޒަނުން ހިންގަމުން އަންނަ މާންދޫ މަސް ފެކްޓަރީއަކީ ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިންނަށް ނުހަނު ބޭނުންތެރި ތަނަކަށް ވީއިރު، މިހާތަނަށް އައިރު ވެސް މަސްވެރިންގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަން ފާހަގަކޮށްފައެވެ.
މަސްވެރިންގެ އަތުން އެ ފެކްޓަރީން ގަންނަ މަސްތަކުގެ އަގު ތިން ހަފުތާގެ ތެރޭގައި ދެއްކުމަށް އެއްބަސްވެފައި އޮވެ އެވެ. އެހެންނަމަވެސް މި މުއްދަތުގައި ފައިސާ ލިބިފައިނުވާތީ މަސްވެރިން އަންނަނީ މާންދޫގައި މުޒާހަރާ ކުރަމުންނެވެ.
ކުއްލި މައްސަލައިގައި ވަނީ 26 ދޯންޏަކުން ކިރާފައިވާ މަހަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަން ފާހަގަކޮށްފައެވެ. މަސްވެރިންނަށް ދިމާވެފައިވާ މި ހާލަތުން އަރައިގަތުމަށް، މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް މި މައްސަލައިގައި ގޮވާލާފައިވެއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބަލައިގަންނަ ކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކުއްލި މައްސަލައަށް ވާހަކަދައްވަކަވަމުން ވިސާމް ވިދާޅުވި ގޮތުގައި މާންދޫއިން މަސް ގަންނަމުން އަންނަނީ މިފްކޯއާ އެއް އަގެއްގައެއް ނޫނެވެ. އަދި މަސްވެރިންނަށް ތެޔޮ ލިބުމުގައި ވެސް ދަތިތަކެއް އެބަހުރިއެވެ.
މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދައި ދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތައްކޮށް މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.
މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ހޯދައި ދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތައްކޮށް މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.