މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނެއް އެކުލަވާލަނީ

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނެއް އެކުލަވާލަނީ

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2022 10:16
0

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޚާއްސަ ޤާނޫނެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޤައުމާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިފަދަ ޤާނޫނެއް އެކުލަވާލުމަށް ނިންމަވާފައިވަނީ މާލޭގައި ނުރައްކާތެރި ހާދސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ނިޔާވެފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ.

ރައީސް ވިދާޅުވީ މިޤާނޫނާއިއެކު މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނާއި، އާންމު ރައްޔިތުންނަށްވެސް ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ. ޤާނޫނުގެ މަސައްކަތް މިދައުރުގައި ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.

މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް، އަޅުގަނޑު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން. މިއީ މަސައްކަތުގެ މާޙައުލުގާ ހަރަކާތްތެރިވާ ހުރިހާ ފަރުދުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޤާނޫނު.

– ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއްޔެރޭ މާލޭގާ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށެވެ. އެޙާދިސާގާ ފުރާނަގެއްލި ދިޔަ އެންމެންގެ ހަނދާން އާކުރައްވާ ރައީސް ވަނީ އެމަނިކުފާނާއި އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން، އެޢާއިލާތަކަށް، އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ. މިޙާދިސާއާ ގުޅޭ ހުރިހާ ކަމެއްގައި، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމާ އިސްކަމެއް ދީގެން ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން އަންނަނީ އެތައް އަހަރަކުން އުފެދިފައިވާ، ތޮއްޖެހުމާ، މާލޭގެ ދިރިއުޅުމުގެ ދަތިކަމުން ކަމަށް ރައީސް ވިދާޅުވިއެވެ. ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެކަހެރި ކުރަންޖެހޭ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.