ބޮލީވުޑްގެ ކާމިޔާބު ޒުވާން ތަރިންގެ ތެރޭގައި ގުނާލެވޭ އެކްޓަރ ވަރުން ދަވަން ބައްޔަކާ ހަނގުރާމަކުރަމުން އަންނަ ކަމަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފިއެވެ.
ވަރުންގެ ކުރިއަށް އޮތް ފިލްމް "ބޭޅިޔާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަދައްކަމުން ވަރުން ބުނީ ޑައިގްނޯޒްވެފައި ވަނީ ވެންޓިބިއުލާ ހައިޕަރފަންކްޝަނަށް ކަމަށެވެ. މިއީ ކަންފަތުގެ އެތެރެބަޔަށް ދިމާވާ މައްސަލައަކާ ގުޅިގެން މީހާގެ ބެލެންސް ގެއްލެން ދިމާވާ ކަމެކެވެ.
35 އަހަރުގެ އެކްޓަރު ބުނީ ބައްޔަށް ޑައިގްނޯޒްވުމުން ވަރަށް ކަންބޮޑުވި ކަމަށާއި އެކަމަކު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެހެންވެ މާ ސީރިއަސް މައްސަލަތަކެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ވެންޓިބިއުލާ ހައިޕަރފަންކްޝަނަށް ޑައިގްނޯޒްވުމުން މަސައްކަތްތައް ކުޑަކޮށް މަޑުޖައްސާލަން ޖެހުނު ކަމަށާއި އޭގެ ފަހުން މިހާރު ކުރިއަށް ވުރެ ބުރަކޮށް މަސައްކަތްކުރާ ކަމަށް ވެސް ވަރުންގެ މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
ވަރުން އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ ކަރަން ޖޯހަރްގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ގައެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހު ރިލީޒްކުރާ "ބޭޅިޔާ"އެވެ. މި ފިލްމަކީ މި އަހަރު ރިލީޒްވާ އޭނަގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖޫންގައި ގެނެސްދިން "ޖުގް ޖުގް ޖިއޯ" އެވެ.