"އެވެޓާ" ގެ ދެވަނަ ބައި ޑިސެމްބަރު 16 ގައި

"އެވެޓާ" ގެ ދެވަނަ ބައި ޑިސެމްބަރު 16 ގައި

Author
ފާތިމަތު ނާވީ
08 ނޮވެމްބަރ 2022 12:52
0

ޖޭމްސް ކެމެރަންގެ ކާމިޔާބު ފިލްމް "އެވެޓާ" ގެ ދެވަނަ ބައި އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފިއެވެ.

މީގެ 13 އަހަރު ކުރިން ރިލީޒްކުރި ޖޭމްސް ކެމެރޮން ޑައިރެކްޓުކޮށްފައިވާ "އެވެޓާ" ގެ ސީކުއަލް 3 ގަޑިއިރަށްވުރެ ދިގުވާނެ ކަމަށް މީޑިއާ ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" މެގްނަމް އޮޕަސްގެ ރަންޓައިމް އަކީ 3 ގަޑިއިރާއި 10 މިނެޓެވެ. "އެވެޓާ" ގެ އިތުރު 3 ފިލްމެއް ވެސް މި އަހަރުގެ ފިލްމަށް ފަހު ގެނެސްދޭނެ އެވެ. އެއީ 2024، 2026 ގެ އިތުރުން 2028 ގަ އެވެ. އެގޮތުން 3 ވަނަ ފިލްމުގެ ޕްރިންސިޕަލް ފޮޓޮގްރަފީ މިހާރު ނިމިފައިވާއިރު، 4 ވަނަ ފިލްމުގެ އޯޕަނިންގް އެކްޓު ވަނީ ޝޫޓްކޮށް ނިންމާފައެވެ. އަދި 5 ވަނަ ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މިހާރު ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ޓައިޓޭނިކް" ފަދަ، ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި ފިލްމްތައް ޑައިރެކްޓްކޮށްފައިވާ، ކެމެރަން 2009 ގައި ގެނެސް ދިން "އެވެޓާ" ވެގެން ދިޔައީ އަނެއްކާ ވެސް އާ ރެކޯޑެއް ހެދި ފިލްމަކަށެވެ.

އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. މިއީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "އެވެޓާ: ވޭ އޮފް ވޯޓާ" ގެ ކާސްޓުން ކުރީގެ ފިލްމުގެ ބައެއް ތަރިންނާ އެކީ އައު ތަރިންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.