އެޑިއުކޭޝަން މިނިސްޓްރީގެމިސްރާބުހުރީ ޢަރަބިއްޔާ ސްކޫލް ހަލާކުކޮށް ބެލެނިވެރިން ރުޅިއަރުވަންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މަޤާމުން ވަކިކޮށް ނޭޝަން އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިީ)އަށް ބަދަލުކުރުމުން އރަބިއްޔާގެ ބެލެނިވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޢަރަބިއްޔާގެ ޢިމާރާތުގައި ރެނދުލައިގެން އެތަނުގެ ދަރިވަރުން ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތަށް ބަދަލުކޮށްފައިވާއިރު، އެތަނުގެ ދަތިކަންވެސް ދަރިވަރުންނާއި ބެލެނިވެރިން ދަނީ ފާޅުކުރަމުންނެވެ.
އަދި ޢަރަބިއްޔާއަށް ކުރީގެ ބައު ޖަމާލުއްދީން ސްކޫލް ބިން ދިންނަމަވެސް، މިހާރު އެތަނުން ބައެއް ވަނީ ޖަމާލުއްދީން ސްކޫލުގެ ޢިމާރާތް އެޅުމަށްވެސް ދީފައެވެ. އަދި އަންނަ އަހަރަށ ްލްފާކުރާ ދައުލަތުގެ ބަޖެޓުގައި ޢަރަބިއްޔާ ސްކޫލުގެ ވާހަކަ ހިމަނާފައި ނެތުމުންވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަކިކުރުމުން، އެ މައްސަލާގައި ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރަން އެތައ ްފަހަރަކު އެދި އެފުރުޞަތު ދީފައިނުވާކަންވެސް ޢަރަބިއްޔާގެ ބެލެނިވެރިން ފާހަގަކުރެއެވެ. މިކަންކަމާއި ގުޅިގެން ބެލެނިވެރިން އަންނަނީ އިހްތިޖާޖުކުރަމުންނެވެ.
ދީނީ ޢިލްމުވެރިޔާ ޑރ.އިޔާޒް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ މިސްރާބު ހުރީ ޢަރަބިއްޔާ ހަލާކުކޮށް، ބެލެނިވެރިން ރުޅިއަރުވައި، ފިތުނަ ފަސާދަ އުފެއްދުމަށްކަމަށެވެ.
މިހާރު @MoEdumv ގެ މިސްރާބު ހުރީ ސީދާ @Arabiyya_School ހަލާކުކޮށް، ބެލެނިވެރިން ރުޅިއަރުވާ، ފިތުނަ ފަސާދަ އުފައްދާގޮތަށް. ދަރިވަރުން ނެޓްބޯލް ފަރިތަކުރާ ޕޮޓް ފޮރުވަން އެންގީ ސީދާ މިނިސްޓަރ. މިކަހަލަ އެތައް ޖަރީމާ އެއް އެބަ ހިންގާ. https://t.co/SVV4o1DKcB
— Dr.Mohamed Iyaz (@dr_iyaz) November 7, 2022
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ 1987ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި، ޢަރަބި އިސްލާމީ ތަޢުލީމަށް ޚާއްސަކޮށްގެން އުފެއްދެވި ސްކޫލެކެވެ.އެމްޑީޕީގެ ފުރަތަމަ ވެރިކަމާ ހަމައަށް އެސްކޫލް ހިންގީ މަޖީދީ މަގު މިހާރު މާލެ، ޢަރަބިއްޔާ ފްލެޓުތައް ހުރި ބިމުގައެވެ. ނަޝީދުގެ ވެރިކަމުގައި އެސްކޫލް ތަޅާލައި އެތަނުގައި ފްލެޓު އަޅަން ފެށިއެވެ. އެއާއެކު ވަގުތީގޮތުން ވަރަށް ދަތި ޙާލުގައި އަރަބިއްޔާ ހިންގީ ކުރީގެ އެމްއީއެސް ޢިމާރާތުގެ ބައެއްގައެވެ. ނަޝީދުގެ ވެރިކަމުގައި ޢަރަބިއްޔާއަށް އައު ޢިމާރާތެއް އެޅީ އަމީނިއްޔާ ސްކޫލް ކުރިމަތީ އޮންނަ ބިމުގައެވެ. އެއީ މަޖީދީމަގު އަރަބިއްޔާ އަސްލު ހުރި ބިމަށްވުރެ މާކުޑަ ބިމެކެވެ. 2011ވަނަ އަހަރު ހެދި އެ އައު ޢިމާރާތަށް މާގިނަ ދުވަސް ނުވެ ހަލާކުވެ ބޮލަށްވެއްޓެން ފެށުމުން މިސަރުކާރުގައި އެތަނުން އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީ އެމްޓީސީސީ ސޯމިލް ހިންގިތަނުގައި ކުރިން ފޮރިންމިނިސްޓްރީ ހިންގަން ހެދި ވަގުތީ އިމާރާތަށެވެ.
ބެލެނިވެރިންގެ ކަންބޮޑުވުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ބާޖަމާލުއްދީންގެ ބިން ޢަރަބިއްޔާއަށް ދެއްވާނެކަމަށެވެ. އަދި އެތަނުގައި ޢަރަބިއްޔާގެ އައު ޢިމާރާތް އަޅާނެކަމަށެވެ. އެހެންނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެބިމުން ބައެއްގައި ޖަމާލުއްދީން ސްކޫލްގެ އެނެކްސް ބިލްޑިންގއެއް އަޅާނެކަމަށް ވިދާޅުވެ އެކަން ބަޔަކާ ޙަވާލުވެސް ކޮށްފައެވެ.
މިއާއެކު އަނެއްކާވެސް ޢަރަބިއްޔާގެ ބެލެނިވެރިން "ސޭވް އަރަބިއްޔާ"އާއެކު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. އެޙަރަކާތުން އަދިވެސް އަންނަނީ ޢަރަބިއްޔާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ