އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަންނަ ހަފްތާގެ އާދީއްތަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިދިޅު ޕީޕީއެމްއިން އަތޮޅުތެރޭގެ ރަށްތަކަށް ފަށާފައިވާ ދަތުރުގައި ރައީސް ޔާމީން ގެންދަަވަނީ އެކި އަތޮޅުތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ. އެންމެ ފަހުން ރައީސް ޔާމީން ވަޑައިގެންނެވީ ނ.އަތޮޅުގެ ރަށްތަކަށެވެ.
ރައީސް ޔާމީންގެ އައްޑޫ ސިޓީގެ ދަތުރާއި ގުޅޭގޮތުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހަށް ކަމަށެވެ.
އެ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންނާއި ޕީޕީއެމްގެ ސްޓީރިން ކޮމިޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ވަކި ޕާޓީއަކަށް ބެލުމެއް ނެތި އައްޑޫގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް މި ފަހަރު އޮންނާނެ ކަމަށާއި، ރައީސް ޔާމީންއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކާ ވާހަކަ ދައްކައިގެން އެކަން ހަމަޖެހޭނެ ކަމަށެވެ.
މީގެއިތުރުން ހީނާ ވިދާޅުވީ ރައީސް ޔާމީންގެ ކުރިއަށް އޮތް ވެރިކަމެއްގައި އައްޑޫ ސިޓީގެ ތަރައްގީއަށް އަދި އައްޑޫއަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލައި އަދި އެ ވާހަތަކުގައި އަލީގައި ރައީސް ޔާމީން އައްޑޫއާ ދޭތެރޭ ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރައްވަން އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.