ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އޮތީ ފެކްޝަނެއް ނޫންކަމަށާއި، ކުޑަވަރެއްގެ މުސީބާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ޕީޕީއެމްގެ ފެކްޝަނެއް އުޅޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.
ވައްޑެ ވިދާޅުވީ އެމްޑީޕީގައި ފެކްޝަނެއް އޮތްނަމަ އެފެކްޝަނަކީ ކުޑަވަރެއްގެ މުސީބާތެއްކަމަށެވެ. އެމުސީބާތް ލައްވާލީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހުބުރުގައި ކަމަށާއި، އެހިސާބުން ފެށިގެންވެސް އެމްޑީޕީގެ އާންމު މެމްބަރުންގެ ތެރެއިން އެތައް ބަޔަކު އެމްޑީޕީގެ ޒަމާން ދިޔައީކަމަށް ވިދާޅުވަމުން ދިޔަކަމަށެވެ. މިއަދު މިއޮތީ އޭރު އެމްޑީޕީ މެމްބަރުން ދެއްކި ވާހަކަ ހަގީގަތަކަށް ވާން ކައިރިވެފައިކަމަށް ވައްޑެ ވިދަޅުވިއެވެ.
ފެކްޝަނެއް ނޫން ކުޑަވަރެއްގެ މުސީބާތެއް އޮތީ. އެ މުސީބާތް އެމްޑީޕީތެރެއަށް ލައިގަތީ 2013 ރިޔާސީ އިންތިޚާބު ފަހުބުރު. އޭރުވެސް މިޕާޓީ ބައެއް މެމްބަރުން ކިޔާތީ އެހިން “މިޕާޓީގެ ދުވަސް ދުއްވާލާނޭ”.
– ވައްޑޭ ވިދާޅުވިއެވެ.
އެމްޑީޕީގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަން ބޮޑުވެ، ދެބޭފުޅުންނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންގެ ތެރޭގައި ގިނައީ އެމްޑީޕީގައި ދުވަސްވީ މެމްބަފުންނެވެ. ރައީސް ޞާލިހުގެ ފަޅީގައި ގިނައީ އެޕާޓީއާއި އެހެން ޕާޓީތަކުން ގުޅުނު ބައެއް މެމްބަރުންނާއި، އެމްޑީޕީއަށް އާ މެމްބަރުންތަކެކެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ސިޔާސީ ވާދަވެރިކަމުގައި މިހާރު އޮތް އެންމެ ބޮޑު އެއް ބަހުސަކީ މަޖިލިސް ރައީސްގެ މަޤާމުން ރައީސް ނަޝީދު ވަކިކޮށްފާނެތޯ އެފެދޭ ސުވާލެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ވަކިކުރުމަށް މަޖިލިސް ޗުއްޓީގައި އޮތްއިރު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިހާރު އެމަސައްކަތެއް މާބޮޑަށް ކުރެވިގެން ނުދެއެވެ.
ރައީސް ނަޝީދު އެކި ފަހަރު މަތީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަމަށް ވިދާޅުވެފައެވެ.