ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި ގދ.ހޯޑެއްދޫ، ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވާނެ ތަނެއް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ ގާޒީ ޙަސަން ފަހީމް އިބްރާހީމް މިމައްސަލާގައި ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ އިހުމާލުން މަރުވިކަމަށް ބެލެވޭ މައްދަލަތަކުގައި ޕޯސްޓަމް ހެދުމުގެ އިޚްތިޔާރަކީ ގާނޫނީގޮތުން ފުލުހުންނަށް ލިބިދީފައިވާ ބާރެއް ކަމުގައެވެ. އެހެންކަމުން އަބުދުﷲ ރަޝީދުގެ އާއިލާއިން ނެރެދިނުމަށް އެދިފައިވާ، ޕޯސްޓު މޯޓަމް ހެދުން ހުއްޓުވުމުގެ އަމުރު ނެރެދެވެން ނެތްކަމުގައި ގާޒީގެ ހުކުމުގައި ކިޔުއްވާފައި ވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހިނގަމުންދާ ކުށުގެ ތަޙްޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑުގެ ތަޙްލީލުކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ތަޙްލީލުކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް ނެގުން މުހިންމުކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަންއޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓު އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވާކަމަށެވެ.
ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.
އެންއައިސީގެ އިތުރުން މިމައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މިމައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާނަ ނުވަތަ އަނިޔާވެރިވެފައިވާކަމަށް ތަޙުގީގަށް ސާބިތުވެއްޖެނަމަ މިމައްސަލައިގައި ހިމެނޭ ފުލުހުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާންވަނީ ވިދާޅުވެފައެވެ.