ރާއްޖެއާއި މޮރީޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން އިސްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދަޅުވެއްޖެއެވެ.
ރާއްޖެއިން މި މައްސަލާގައި މޮރީޝަސް އާއި އެއްކޮޅަށް ވޯޓުދޭން ނިންމިކަމަށް ބުނާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލާގައި މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައިކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.
Attorney General ge offeehun masakkaiy kuravvaafaivanee dhaulathuge maslahathugai kamah fene.
— Ahmed Muizzu (@AhmedMuizzu) October 25, 2022
މި މައްސަލއާއި ގުޅޭގޮތުން މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބި، 21 ސެޕްޓެމްބަރު 1965ގައި އދ.ގެ މެމްބަރަަކަށް ވުމަށްފަހު، ބައިނަލްއަގުވާމީ ދުނިޔޭގެ އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދެނު ހުރިހާ ސަރުކާރަކުންވެސް އަޑުއުފުލާފައި ވާކަމުގައެވެ.
އަދި އެއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެމުން އައިސްފައިވާ ދެގޮތެއްނުވާ ސިޔާސަތުކަން ހާމަ ކުރައްވަމުން މި ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް އދ.ގެ މެމްބަރުކަން ލިބުމަށްފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެފައި މިއަދު އެބަތިބި ކަމުގައެވެ. އަދި މި ހުރިހާ މައްސަލަތަކަކަށްވެސް ފާއިތިވެދިޔަ ހުރިހާ ސަރުކާރުތަކުން ތާއީދުކޮށްފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިގޮތުން މިބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2017ވަނަ އަހަރު އދ.ގެ އާންމު މަޖިލިހުން، އިންޓަރނޭޝަނަލް ކުރިމިނަލް ކޯޓުގެ، މިމައްސަލައާބެހޭ އިސްތިޝާރީ ލަފައަކަށް އެދިފައިވާ ކަމަށާއި، އަދި 2019 ވަނަ އަހަރު މި ލަފާގައި، ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމަށް ބުނެފައިވާކަމުގައެވެ.
އަދި މި އިސްތިޝާރީ ލަފައާއި ގުޅުވައި، މޮރިޝަސްއާއި އެފްރިކާގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ އިއްތިހާދުގެ ގައުމުތަކުން ގުޅިގެން 2019ވަނަ އަހަރުގެ މޭމަހުގެ 22 ވަަނަ ދުވަހު އދ.ގެ އާންމު މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވާ ގަރާރުގައި، 6 މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާއި ހަވާލުކުރުމަށް ގޮވާލާފައިވާ ކަމަށާއި، އެހެންނަމަވެސް އެ ވޯޓުގައި ރާއްޖެއިން މިގަރާރާއި ދެކޮޅަށް ވޯޓު ދިނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮފް ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް)އަށް 26 ޖުލައި 2010ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒްކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައި ވާތީކަމުގައި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ބަޔާނުގައި ވިދާޅުވެފައިވަނީ ޗާގޮސްގެ ގާނޫނު ހައިސިއްޔަތާއި ގުޅޭގޮތުން އޮތް އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ ދިވެހިރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމާއި އަދި ރާއްޖެ މިނިވަން ވީއްސުރެ ގެންގުޅެމުން އައިސްފައިވާ އިސްތިއުމާރީ އަޅުވެތިކަމާއި ދެކޮޅު ސިޔާސަތަށް ބިނާކޮށް ކަމުގައެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ އދ.ގެ އާންމު މަޖިލިހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީގައި މިހާރު ކުރިޔަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމުގައެވެ. އަދި އެއީ ރާއްޖެއާއި ބެހުމެއް ނެތް، އިނގިރޭސިވިލާތާއި މޮރިޝަސްއާއި ދެގައުމުގެ ދެމެދުގައި އޮތް މައްސަލައެއް ކަމުގައިވެސް ފޮރިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ