މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 ޒުވާނަކަށް

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 ޒުވާނަކަށް

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2022 08:08
0

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 ޒުވާނަކަށް ސަރުކާރުން ރޭ ދީފިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޒުވާނުންގެ އެވޯޑް ހާސިލްކުރި ޒުވާނުން:

• ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
• ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމް
• ދަރުމަވެރި ކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
• ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒް
• ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ: އަލީ އަމީރު
• ފަންނުވެރިކަމުގެ ދާއިރާ: ޢަބްދުﷲ ޝަފީއު
• މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
• ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
• ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
• ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމް: އަހްމަދު އަހްނަފް ފިރާގު

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި، ޒުވާނުންގެ އެވޯޑް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ އެކި ދާއިރާތަކުން ޒުވާނުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމާއި، ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރުދަނާ ބަޔަކަށް ހެދުމާއި، އަދި ތަފާތު ދާއިރާތަކުން ޒުވާނުންނަށް ކުރިއަރައިގެން ދެވޭނެ ފުރުޞަތުތަކާމެދު ޒުވާނުން ހޭލުންތެރިކުރުމަކީވެސް ސަރުކާރުން މިއެވޯޑް ދިނުމުގެ މަޤްސަދެކެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް ހުޅުވާލިނަމަވެސް، އެވޯޑް ދީފައިވަނީ 9 ދާއިރާއަކުންނެވެ. ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.