ހިޔާ ފެލްޓްތަކަކީ ރާއްޖެއަށް އެންމެ އެކަށޭނެ މޮޑެލްއެއް ނޫންކަމަށް ވާރލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނުމާއި ގުޅިގެން ކުރީގެ ރައީސް ޔާމިން ވާރލްޑް ބޭންކަށް ފާޑު ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ހއ. ތުރާކުނަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވެފައިވަނީ ދިވެހީން އުޅެންވީގޮތް ވާރލްޑް ބޭންކަށް ނޭގޭނެ ކަމަށާއި، ދިވެހިންނަކީވެސް އުސް އިމާރާތްތަކުގެ އުޅެވެން ޖެހޭ ބައެއް ކަމަށެވެ.
ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ 6،338 އާއިލާގެ ތެރެއިން 2،345 އާއިލާއިން (%37 އާއިލާއިން) ކުލި ނުދައްކާ ކަމަށާއި، މި ފަރާތްތަކުން ކުލި އަތުލުމަށް އެޗްޑިސީން މިހާތަނަށް މަސައްކަތް ކޮށްފައި ނުވާކަމަށް ވާރލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަ ކުރުމާއި ގުޅިގެން ޔާމިން ވިދާޅުވީ، ރާއްޖޭގެ ރިސޯޓު އޯނަރުންގެ ގޮތުގައި ތިބި އެތައް މުއްސަނދި މަހުޖަނުންވެސް ރިސޯޓު ކުލި ނުދައްކާ އެބަހުރިކަމަށާއި، އެހެންނަމަވެސް އާދައިގެ ނިކަމެތި ރައްޔިތު މީހާ ދިރިއުޅެމުންދާ ފްލެޓްގެ ކުލި ނުދެއްކުމުން އެކަން މިއަދު ބޮޑު ކަމަކަށް ވެފައިވާ ކަމަށެވެ.
ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާ ނަގާ ރިސޯޓު ހިންގާ މީހުން އެއް ބަޔަކު އެބަތިބި މީރާ އަށް ދައްކަންވާ ޓެކްސް ނުދައްކާ. އެއީކީ މައްސަލައެއް ނޫން ، އެކަމަކު ބޯހިޔާވަހިކަން ނެތިގެން އުޅޭ އެންމެ ނިކަމެތިން ފައިސާ ނުދެއްކީމާ މި ބުނަނީ މިއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނޭ.
ތުރާކުނުގައި މިއަދު ވާހަކަ ދައްކަވަމުން، ވާލްޑް ބޭންކުން ނެރެފައިވާ ރިޕޯޓަށް ފާޑު ވިދާޅުވަމުން ޔާމިން ވިދާޅުވެފައި ވެއެވެ.
ވާރލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ހިޔާ ފްލެޓްތައް ނުނިންމާ އާއިލާތަކާއި ހަވާލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ފްލެޓްތައް ނިންމުމަށް ބޭންކުން ލޯނު ނަގަން ޖެހުމަކީވެސް ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުމެއް ކަމުގައެވެ. އަދި 25 ބުރީގެ އުސް އިމާރާތްތަކުގައި ދިރިއުޅުމަކީ ދިވެހިންގެ ވައްޓަފާޅިއެއް ނޫންކަން ފާހަގަ ކުރައަވަމުން މިރިޕޯޓުގައި ބުނެފައިވަނީ ހިޔާ ފްލެޓްގެ މޮޑެލްއަކީ ރާއްޖެފަދަ ގައުމަކަށް އެންމެ އެކަށީގެންފާ ހައުސިން މޮޑެލްއެއް ނޫންކަމުގައެވެ.
ވާލްޑް ބޭންކުގެ ރިޕޯޓަށް ފާޑު ވިދާޅުވަމުން ޔާމިން ވަނީ އުސް އިމާރާތަތްކުގައި އުޅުން ދިވެހިންގެ ވައްޓަފާޅިއާއި ނުގުޅެނީ ވަކިބަޔަކު އުސް އިމާރާތްތަކުގެ އުޅޭންޖެހޭތީތޯ ސުވާލު ކުރައްވާފައެވެ.
އަޅުގަނޑުމެންނަށް ހައްގު މިންވަރެއް ނޫންތޯ އެއީ. އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ދަރިން އެޕާޓްމަންޓުތަކުގައި ގެންގުޅެން ބޭނުންވާނެ ދެއްތޯ. އެހެންވެ އެއީ ކޮން ވައްޓަފާޅިއެއްގެ ވާހަކަ މި ދައްކަނީ.
ތުރާކުނުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވެފައި ވެއެވެ.
ޔާމިން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިއުރެޅޭ ފަރާތްތަކުން ކުލި ދައްކަމުން ދާނަމަ ހިޔާ ފްލެޓް ހެދުމަށް ނަގާފައިވާ ލޯނު ދެއްކުން އެޗްޑީސީއަށް ދަތިކަމަކަށް ނުވާނެ ކަމުގައެވެ. އެހެންކަމުން އެޗްޑިސީއަށް ލޯނު ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ވިދާޅުވަމުން ޔާމިން ވިދާޅުވީ، އެހެންނަމަވެސް ކުލި ނުލިބިގެން ލޯނު ދެއްކުން އެއީ ދަތިކަމަކަށްވުން ގަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމުގައެވެ.
ލޯނު އަދާ ކުރެވޭނެ. ލޯނު އަދާ ކުރެވޭ އެތާ ތިބި މީހުންގެ އަތުން ލާރު ނަގާފައި ބަރާބަރަށް ކުލި ހޯދަމުން ދާކަމަށް ވަންޏާ ލޯނު އަދާ ކުރެވެމުން ދާނީ.
ޔާމިން ވިދާޅުވިއެވެ.
ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔާމިންވަނީ އިއްޔެ ހއ. އިހަވަންދުއަށް ވަޑައިގެންފައެވެ. މިއަދު މެދުރު ތުރާކުނަށް ވަޑައިގަތުމަށްފަހު، މިއަދު ހއ. ކެލާއަށް ވަޑައިގެން މިރޭ އެރަށުގައި ބާއްވާ ޖަލްސާއެއްގައި ޔާމިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ