މުއިއްޒުގެ އިސްތިއުނާފް ހައިކޯޓުން ބަލައެއް ނުގަތް

މުއިއްޒުގެ އިސްތިއުނާފް ހައިކޯޓުން ބަލައެއް ނުގަތް

Author
ހުސެއިން
16 އޮކްޓޯބަރ 2022 02:59
0

ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ބަޔާނެއް ދިން މައްސަލާގައި، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި، އޭނާގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް އެކޯޓުން ބަލައި ނުގަތް މައްސަލާގައި އޭނާ ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

މުއިއްޒުގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ، އޭނާއާއި ދެކޮޅަށް ހައި ކޯޓުގައި މިހާރު ކުރިޔަށްދާ ޝަރީއަތުގައި، ޝަރީއަތުގެ ކުރީގެ ލިޔުންތަކެއް އެ ކޯޓަށް ލައި ނުގަތް މައްސަލާގައެވެ.

މިމައްސަލާގައި، ފަނޑިޔާރު ޝަހީދު ރިޔާސަތު ބެއްލެވި، ހައި ކޯޓުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމު ހިމެނޭ ބެންޗުން ނިންމަވާފައި ވަނީ، މުއިއްޒު ފާހަގަކުރި ކަންކަމަކީ އިސްތިއުނާފީ އޮޅިގަޑު ގިރާކުރާ މައްސަލައަކަށް ނުވާތީ ހައި ކޯޓުގައި އެމައްސަލަ ކުރިޔަށް ގެންދާންޖެހޭ ސަބަބެއް ނެތް ކަމުގައެވެ.

މި މައްސަލަ ކޯޓަށް ބަލައި ނުގަތުމަށް ނިންމާ ފަނޑިޔާރުން ކުރެއްވި ހުކުމުގައިވަނީ މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 106 ވަނަ މާއްދާއާއި ޚިލާފަށް ދަށު ކޯޓުން އަމަލު ކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކަށް ވީނަމަވެސް، އެ ގާނޫނުގެ 106ވަނަ މާއްދާއަކީ އިބުތިދާއީ މަރުހަލާގެ ވާހަކަ ބަޔާންކުރާ މާއްދާއެއް ކަމުގައެވެ. އެހެންކަމުގެ ޝަރީއަތުގެ ކުރީގެ ހުށަހަޅުންތަކަށް އެމަރުހަލާގެ އުސޫލުތައް ހިގާނެގޮތް މުއިޒުގެ ފަރާތުން ސާބިތު ކޮށްދެވިފައި ނުވާކަމުގައެވެ.

އަދި މުއިއްޒު ހުށަހެޅުއްވި ކަންކަމަކީ ޝަރީއަތުގެ މަރުހަލާގައި އަދިވެސް ރިއާޔަތް ކުރުމުގެ ފުރުސަތު އޮތް ކަންކަން ކަމުގައި ހައި ކޯޓުގެ ނިންމުމުގައި ބަޔާން ކޮށްފައި ވެއެވެ.

25 ޖޫން 2019 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒުކަމަށެވެ.

މުއިއްޒުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކޮށްފައިވަނީ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ނޫމަޑީގެ މައްސަލާގައި މުއިއްޒުވަނީ ފުލުހުގެ އިދާރައަށާއި، މަޖިލީހުގެ ކޮމިޓީއަށްވެސް ޙާޒިރުކޮށްފައެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.

އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.