އިހަވަންދޫއިން ރައީސް ޔާމީނަށް "ރަދުންގެ" ފެންވަރުގެ މަރުހަބާއެއް!

އިހަވަންދޫއިން ރައީސް ޔާމީނަށް "ރަދުންގެ" ފެންވަރުގެ މަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 05:00
0

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ.އިވަންދޫއަށް ވަޑައިގެންނެވުމުން އެރަށުން "ރަދުންނަށް" ފެންވަރުގެ މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގެންނެވިއިރު، ރަށުގެ ބަނދަރު މަތިވަނީ ފިޔާތޮށި ކުލައިގެ ފޮއްޗާއި، ބެނާތަކާއި ބިލްބޯޑުތަކުން ޖަރީކޮށްފައެވެ. އަދި ރަށުގެ ޖެޓީއަށް ލޯންޗު ގާތްކުރިއިރު، އިހު ޒަމާނުގައި ރަދުންނަށް މަރުހަބާ ކިޔުމަށް ރަށްރަށުން ތައްޔާރުވެފައިވާ ވަރަށް އިހަވަންދޫ ވަނީ ތައްޔާރުވެފައެވެ.

އިހަވަންދޫއިން ރައީސް ޔާމީނަށް މަރުހަވާ ކިޔުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނިކުމެފައެވެ.

މި ދަތުރުފުޅުގައި ހއ. އަތޮޅުން ޔާމީން ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ދިއްދޫ އާއި އިހަވަންދޫ އާއި ކެލާ އަދި ތުރާކުނުގެ އިތުރުން ބާރަށެވެ. މިރޭ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އިހަވަންދޫގައި އޮންނާނެއެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ މި ދަތުރުފުޅުގައި އެންމެ މުހިއްމު އެއް ކަމަކަށް އޮތީ 2023 އަށް އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އޭގެ ތެރޭގައި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ކަހަލަ އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުން އޮންނާނެއެވެ.

ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީން ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު މިއީ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ ދ. ކުޑަހުވަދޫ އަށެވެ.

މި ދަތުރުފުޅުގައި ޔާމީނާ އެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހިމެނޭ ގޮތަށް އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.