ފަހަނަ އަހަރުގެ އޯޓިސްޓިކް ކުއްޖަކު ރޭޕްކުރި މައްސަލަ ސާބިތުވެ، ދައުވާ ލިބުނު މީހާ 18 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. \
މީގެ ދެ އަހަރުކުރިން އޯޓިސްޓިކް ކުއްޖާ ރޭޕްކޮށްފައިވާކަމަށް ކުށް ސާބިތުވީ އެކުއްޖާގެ ޅިޔަނުގެ މައްޗަށެވެ. މެދުރާއްޖެ ތެރޭގެ އަތޮޅަށް ނިސްބަތްވާ ރަށެއްގައި ހިނގި މި ހާދިސާގައިި ކުއްޖާ ބަނޑުބޮޑުކަން އެނގުނީ އެކުއްޖާގެ މައްސަލަރު ކަންތައް ދިމާނުވާތާ ތިން ހަތަރު މަސްވުމާއެކު ޑޮކްޓަރަށް ދައްކާ ޓެސްޓު ހެދުމުންނެވެ. އޭރު އެކުއްޖާގެ ބަނޑަށް ތިން މަހެވެ.
މި މައްސަލާގައި ފުލިުހުން ތުހުމަތުކުރީ އެކުްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާކަމަށްވާ 37 އަހަރުގެ ފިރިހެނަކަށެވެ. މި މައްސަލާގައިި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލިއެވެ. ދައުވާއިން އެނގޭގޮތުގައި 2020 ވަނަ އަހަރުގެ ކުރީ ކޮޅު މިކަން ހިނގާފައިވާއިރު، ތިން ފަހަރެއްގެ މަތިން އެ ފިރިހެން މީހާ އެކުއްޖާ ރޭޕްކޮށްފައިވެއެވެ. އެއީ ފިރިހެން މީހާގެ ގޯތީގައި ހަދާފައިހުރި ކޮޓަރިއަކަށް އެކުއްޖާ ގެންގޮސްގެންނެވެ.
ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން ހުށައެޅު ހެއްކާއެކު އެ މައްސަލަ އެމީހާގެ މައްޗަށް ސާބިތުވާކަމަށް ޙުކުމްކޮށްފައެވެ. ދައުލަތުން އެދުނީ އޭނަގެ މައްޗަށް ޤާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބުކަމަށްވާ 18 އަހަރަށް ޖަލަށް ލުމަށެވެ.
ދައުލަތުން ވަނީ މި ދައުވާގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެ އަންހެން ކުއްޖާއަކީ ބަލިވި އިނދެ ކުއްޖަކު ވިހެއުމުގެ ގާބިލުކަން ނެތް ކުއްޖަކަށްވާއިރު، އެ ކުއްޖާއަށް މީހާގެ ސަބަބުން ބަނޑުބޮޑުވެ އެތަކެއް މެޑިކަލް ޕްރޮސީޖާތަކެއް ހަދަން ޖެހުނުކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމާއި އޭނާގެ އިޖުތިމާއީ ހެދިބޮޑުވުން ހުންނަނީ ތިން އަހަރާއި ހަ މަހުގެ ކުއްޖަކާ އެއް ފެންވަރަކަށްކަން ސައިކޮލޮޖިކަލް އެސެސްމެންޓުން އެނގޭކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލ ސާބިތުވެ އޭނާ 18 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، އޭނާ ބަންދުގައި ދެ އަހަރާއި ތިން މަހާއި 19 ހޭދަކޮށްފައިވުމުން ތަންފީޒުކުރަން ޖެހޭނީ އެ މުއްދަތު އުނިކުރުމުން ބާކީވާ 15 އަހަރާއި އަށް މަހާއި 11 ދުވަހެވެ.
އަނިޔާ ލިބު ކުއްޖާ ވަގުތުން ދައުލަތުން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަނޑުގައިި އޮތް ކުއްޖާ އެބޯޓް ކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ