ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއްތޯވެސް ބަލަން ޖެހޭ ކަމުގައި އެމްއެންޕީގެ ޕީޖީ ލީޑަރ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާޒު ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދިރާސާކުރަންވީ މިއަހަރު ތެރޭގައި 38 ބައި-އިލެކްޝަން ބާއްވަންޖެހުނު ސަބަބަކީ ކޮބާތޯ ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ކޮމެޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވާ މިގޮތަށް ގޮނޑި ހުސްވަނީ ކޮން ސަބަބުތަކަކާ ގުޅިގެން ކަމާއި އިސްތިއުފާ ދެއްވަންޖެހެނީ ކީއްވެތޯ ދިރާސާކޮށް ބަލައި އެކަން ދެނެގަތުން މުހިންމު ކަމުގައެވެ.
ރިޔާޒުގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިކަމާމެދު މިހާރު 3 ބިލަކަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހެޅިގެންދާއިރު، މިއީ ލާމަރުކަޒީ އުޞޫލުން ދާއިރާތައް ހިންގުމާމެދު ސަރުކާރުގެ ހަރުދަނާ ވިސްނުމެއް ނެތުން ކަމުގައެވެ.
އޭގެ އިތުރުން، ޚަރަދު ބޮޑުވުމުގެ ވާހަކަ ދައްކާއިރު، މި ރާއްޖޭގައި ބައެއް ހިސާބުތަކުގައި އަހަރެއް ވެގެންދާއިރު އެންމެ ޝަރީޢަތެއްވެސް ނުކުރައްވާ ފަނޑިޔާރުން އެބަ ތިއްބެވި ކަމުގައެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ޒިންމާއަކީ އަދި މަސްއޫލިއްޔަތަކީ ކޮބައިތޯ ބައެއް ރައްޔިތުން ސުވާލުކޮށް އެބަ ހަދާ ކަމުގައެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުގެ ހަމައެކަނި ޒިންމާއަކީ ފަޅު ރަށްރަށް ވަރުވާއަށް ލިޔެ ދޫކުރުން އެކަނިތޯވެސް ސުވާލުކުރާ ކަމުގައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ނިންމަވާލަމުން ރިޔާޒު ވިދާޅުވީ މިއީ ޤައުމަށް އެކަށޭނަ ނިޒާމެއްތޯވެސް ބަލަން ޖެހޭ ކަމަށާއި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މިކަން ދިރާސާކޮށް ބެލުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ