ކޭ-ޕާކްގެ ފްލެޓާއެކު ގެއްލުމުގެ ބަދަލަށް 1.9 މިލިއަން ރުފިޔާ ދެއްކުމަށް ހަންބޯގެ މައްޗަށް ޙުކުމްކޮށްފި

ކޭ-ޕާކްގެ ފްލެޓާއެކު ގެއްލުމުގެ ބަދަލަށް 1.9 މިލިއަން ރުފިޔާ ދެއްކުމަށް ހަންބޯގެ މައްޗަށް ޙުކުމްކޮށްފި

Author
ޙަސަން މުޙައްމަދު
02 ފެބްރުއަރީ 2026 06:00
0

ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ކޭ-ޕާކް ރެސިޑެންސްއިން ގަތް އެޕާޓްމަންޓެއް ޙަވާލުނުކޮށް ގިނަ ދުވަސްވެފައިވާތީ، އެ އެޕާޓްމަންޓް ނިންމައި ޙަވާލުކުރުމަށާއި، ލަސްވި މުއްދަތުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން، 4،150،000 (ހަތަރު މިލިޔަން އެއްލައްކަ ފަންސާސް ހާސް) ރުފިޔާއަށް ގަތް އެޕާޓްމަންޓެއް، އެއްބަސްވުމާ އެއްގޮތަށް ޙަވާލުކޮށްފައި ނުވާތީ ފާތިމަތު މޫސާ މަނިކުގެ ފަރާތުން ހުށަހެޅި ދަޢުވާއެކެވެ. ދަޢުވާގައި އެދިފައިވަނީ އެޕާޓްމަންޓް ނިންމައި ޙަވާލުކޮށްދިނުމަށާއި، އެކަން އެގޮތަށް ނުކުރެވޭނަމަ އެތަން ގަތުމަށް ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށެވެ. މީގެއިތުރުން، އެޕާޓްމަންޓް ޙަވާލުނުކޮށް ލަސްކޮށްފައިވާތީ، 2019 ޖުލައި 29 އިން ފެށިގެން މަހަކު 25،000 ރުފިޔާގެ މަގުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ. މިގޮތުން ޖުމްލަ 6.1 މިލިއަން ރުފިޔާ ހޯދުމަށް ދަޢުވާގައި ހިމަނާފައިވެއެވެ.

މައްސަލަ ބެލުމަށްފަހު ކޯޓުން ކުރި ޙުކުމުގައި ވަނީ، 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެޕާޓްމަންޓްގެ މަސައްކަތް ނިންމައި ދަޢުވާކުރާ ފަރާތާ ޙަވާލުކުރުމަށް ހަންބޯ ކުންފުންޏަށް އަމުރުކޮށްފައެވެ. އަދި އެއްބަސްވުމާ އެއްގޮތަށް މުއްދަތަށް ތަން ޙަވާލުކޮށްފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އަރާފައިވާ 1.9 މިލިއަން ރުފިޔާ، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސިވިލް ކޯޓަށް ދެއްކުމަށްވެސް ވަނީ ޙުކުމްކޮށްފައެވެ. މީގެއިތުރުން، އެޕާޓްމަންޓް ޙަވާލުކުރުމާ ހަމައަށް ހިނގާ ކޮންމެ މަހަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ 25،000 ރުފިޔާ ދައްކަމުން ގެންދިއުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.

ކޭ-ޕާކް ރެސިޑެންސް މަޝްރޫޢަކީ 2016 ވަނަ އަހަރު ފެށި، 13 ބުރީގެ އިމާރާތެއްގައި 110 ލަގްޒަރީ އެޕާޓްމަންޓް ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ނަމަވެސް މި މަޝްރޫޢުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފަޅާއަރައި، ޕްރޮޖެކްޓްގައި ހިމެނޭ މިންވަރަށްވުރެ އިތުރަށް އެޕާޓްމަންޓްތައް ވިއްކައި، މަކަރާއި ޙީލަތުން ފައިސާ ހޯދި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މި ކަމާ ގުޅިގެން ހިންގި ޖިނާއީ ތަޙުޤީޤަށްފަހު، މި ޕްރޮޖެކްޓްގައި އިސްކޮށް އުޅުނު ޙަސަން މަމްދޫހުގެ މައްޗަށް 94 ދަޢުވާއެއް ސާބިތުވެ 393 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، ޖައިޝާން ސަޢީދުއަށް ވަނީ 159 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.