މާލޭގެ ނަލަހިޔާ ރެސިޑެންސްއަށް ދަންވަރުގެ ވަގުތެއްގައި ވަދެ، އެތަނުގައި ތިބި ދެމަފިރިއަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށް ލުމަށާއި ޖޫރިމަނާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލީ މ. ނިއުބްލޫ، އަލީ މުއައްޒަމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ވަނީ އަނިޔާއެއް ދިނުމުގެ ދެ ދައުވާއަކާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެއް އުފުލާފައެވެ. މި މައްސަލައިގައި މުއައްޒަމް ވަނީ ނަލަހިޔާ ރެސިޑެންސްގައި އުޅުނު އއ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކަށް ހަމަލާދީ، އޭނާގެ އަންހެނުންގެ ގައިގައި ވެސް ޖަހައި، އެ އަންހެން މީހާގެ އަތުގައި ދަތްއަޅާފައެވެ. ޝަރީއަތުގެ މަޖިލީހުގައި މުއައްޒަމް ވަނީ މި ހުރިހާ ދައުވާތަކަށް އިއުތިރާފުވެފައެވެ. އެހެންކަމުން ކޯޓުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.
މައްސަލަ ބެއްލެވި ގާޒީ ވަނީ މުއައްޒަމް ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ލުއި ގޮތްތަކެއް އިޚްތިޔާރު ކުރައްވާފައެވެ. އެގޮތުން ފިރިހެން މީހާއަށް އަނިޔާކުރި މައްސަލައިގައި އަސާސީ މިންގަނޑުން ކަނޑައެޅޭ 9 މަހާއި 18 ދުވަހުގެ ޖަލު އަދަބު، 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއި 9،600 ރުފިޔާގެ ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި އަންހެން މީހާގެ ގައިގައި ދަތްއެޅި މައްސަލައިގެ އަދަބެއްގެ ގޮތުން 18 ދުވަހުގެ ޖަލު ހުކުމަކާއި 800 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިއިރު، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށަށް ކަނޑައެޅީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމަކާއި 3،600 ރުފިޔާގެ ޖޫރިމަނާއެކެވެ. މިއާއެކު އޭނާ ތަންފީޒުކުރަން ޖެހޭ ޖުމްލަ ޖަލު ހުކުމުގެ މުއްދަތަކީ ގާތްގަނޑަކަށް 6 މަސް ދުވަހެވެ.
ކޮމެންޓު ފޮނުވާ