ސަރުކާރުގެ ރޯދަ ހަދިޔާ: މާލެ ސަރަހައްދުން 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

ސަރުކާރުގެ ރޯދަ ހަދިޔާ: މާލެ ސަރަހައްދުން 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

Author
އަހުމަދު
02 ފެބްރުއަރީ 2026 01:35
0

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ވަރަށް ބާރަށް ކުރިއަށްދާއިރު، ރޭގެ ނިޔަލަށް މާލެ ސަރަހައްދުން އެކަނިވެސް 26،739 މަސްދަޅު ކޭސް އާންމުންނަށް ދޫކޮށްފައިވާ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މި މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ހަމައެކަނި ރޭ ވެސް މާލެ ސަރަހައްދުން 4،000 އަށްވުރެ ގިނަ ކޭސް ދޫކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ސަރުކާރުން ދޫކުރަމުން ގެންދަނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެވެ. މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ކަނޑައަޅާފައިވާ ސެންޓަރުތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަދިޔާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށްޓަކައި ގިނަ ތަންތަނެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މާލޭގައި ހުންނަ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުގެ 1 އިން 4 ނަންބަރު ގޭޓު ހިމެނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން އުމަރު ޒާހިރު ބިލްޑިންގާއި، ޕޮލްކޯ ޓަވަރުގެ ތިރީގެ އިތުރުން މުހައްމަދު ގާސިމް ޕްރީސްކޫލުން ދޫކުރަމުންދާއިރު، ދެވަނަ ފިޔަވަހިން ކާމިލުދީދީ ސްކޫލާއި، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓުން ވެސް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވެމްކޯ ސައިޓުން ހަދިޔާ ދޫކުރަމުން ގެންދާނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މި ހަދިޔާ ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ މަސްދަޅު ކޭސްތައް މިހާރު ވަނީ އެ ރަށްރަށަށް ފޮނުވާފައެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.