ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޚިދުމަތަށް 25 އަހަރު ފުރޭ "ރިހި ޔޫބީލް" ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ފަށައި، އެކަމަށް ޚާއްސަ ޝިއާރާއި ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ތާރީޚީ މުނާސަބަތަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކަނޑުން ރިހިއައްސޭރިއަށް" މިއެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ ހަމައެކަނި ފަޅެއްގެ ގޮތުގައި އޮތް ހުޅުމާލެ، ހިއްކައިގެން ބިނާކޮށް، މިއަދު މި ފެންނަ ފަދަ ތަރައްޤީވެފައިވާ ޒަމާނީ ސިޓީއަކަށް ބަދަލުކޮށްލުމަށް އެ ކޯޕަރޭޝަނުން ކުރި ބުރަ އަދި ކާމިޔާބު ދަތުރެވެ. މި ހަފްލާގައި ވަނީ ހުޅުމާލެ ހިއްކަން ފެށީއްސުރެ މިއަދާ ހަމައަށް އައި ބޮޑު ބަދަލު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެޗްޑީސީން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ. އަދި މިއީ ކުންފުނިން ފަޚުރުވެރިވާ ކާމިޔާބީއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ އުންމީދުތަކާއި އެދުންތަކާ އެއްވަރަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ހުޅުމާލޭގެ ތަރައްޤީއަށް އައިސްފައިވާ ކުރިއެރުންތަކަށް އިޝާރާތް ކުރައްވައި ޒުހައިރު ވަނީ ކުންފުނީގެ މުސްތަގުބަލުގެ މިސްރާބު ހުރީ ރައްޔިތުންނަށް ލާބަހުރި ގޮތަށްކަން ކަށަވަރުކޮށްދެއްވާފައެވެ.
ރިހި ޔޫބީލްގެ އުފާ ފާޅުކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ. މީގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެހެން ކުރިއަށް ގެންދާ އިޖުތިމާއީ ހަރަކާތްތަކާއި، ކުޅިވަރުގެ ފޯރިގަދަ މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ