އިންތިޚާބުތައް އެއްކޮށްލުމުގެ ވޯޓަށް އިތުރު 20 މިލިއަން ރުފިޔާ ހޭދަވާނެ: އީސީ

އިންތިޚާބުތައް އެއްކޮށްލުމުގެ ވޯޓަށް އިތުރު 20 މިލިއަން ރުފިޔާ ހޭދަވާނެ: އީސީ

Author
އަލީ ރައޫފް
02 ފެބްރުއަރީ 2026 01:34
0

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު، ލޯކަލް ކައުންސިލް އިންތިޚާބާ އެކު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް، އެކަމަށް އިތުރު 20 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލި ނަމަވެސް ވޯޓު ކަރުދާސް ޗާޕުކުރުމާއި، އިތުރު އޮފިޝަލުން ނެގުމާއި އަދި ލޮޖިސްޓިކް ކަންކަމަށް ބޮޑު ހޭދައެއް ހިނގާނެ ކަމަށެވެ. އޭގެ އިތުރުން ވޯޓު ފޮށިތައް އުފުލުމަށް ގައުމީ އެއާލައިންނާއި އެމްޓީސީސީގެ އެހީ ނުލިބިއްޖެނަމަ ޚަރަދު އިތުރުވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޚިޔާލު ހޯދުމުގެ ވޯޓު ވަކިން ބާއްވާނަމަ 60 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް އީސީން ލަފާކުރެއެވެ.

އިންތިޚާބުތައް އެއްކޮށްލައިގެން ދައުލަތުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުން އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފިޔަވައި، އެމްޑީޕީގެ ލީޑަޝިޕާއި ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިއީ ވެރިކަން ދިފާއުކުރުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ދެކޮޅު ހައްދަވާފައެވެ. އީސީގެ ރައީސް ވަނީ މި ބަދަލު ގެންނަނަމަ، ރައްޔިތުން އަހުލުވެރިކުރުމަށް ވަގުތު ބޭނުންވާތީ ވީހާވެސް އަވަހަށް ޤާނޫނީ ކަންކަން ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.