ރައްޔިތުންގެ މަޖިލީހުގައި ވައްކަން ކޮށްގެން ތިއްބެވި މެންބަރުން ތިއްބެވިކަމަށާއި، އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހިމެނިވަޑައިގަންނަވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ކުރެއްވި ތުހުމަތުތަކާއި އި ގުޅިގެން މަޖިލީހުގައި ހޫނު ޒުވާބެއް ހިނގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ، ވައްކަންކޮށްގެން ތިބި މެންބަރުން ފަނޑިޔާރުގޭގެ ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ. ޖާބިރު ވަނީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް 88 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެ އިޝަރާތްކުރެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި މަޖިލީހުގެ 16 މެންބަރަކުން ހިމެނޭ ލިސްޓަށެވެ.
ޖާބިރުގެ އެވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ ޖާބިރުގެ ވާހަކަ ހުއްޓުވާފައެވެ. އަދި މުޅި މަޖިލީހަށް ތުހުމަތުވާ ގޮތަށް އެފަދަ ވާހަކަތައް ދެއްކުމަކީ ގަވަައިދު ތަންދޭކަމެއް ނޫންކަމަށްވެސް ރިޔާސަތުން ވިދާޅުވިއެވެ. ރިޔާސަތުން އެހެން ވިދާލުވީއިރު، ޝަރީފް މަޖިލީހުން ބޭރުކޮށްގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ތަޅުން ދޫކުރައްވާ ވަޑައިގެންފައެވެ.
ޖާބިރުގެ ތުހުމަތުތަކަށް ރައްދުދެއްވައި ޝަރީފް ވިދާޅުވީ، ވައްކަންކޮށްގެން އެންމެ ފުރަތަމަ އަރުވާލި މެންބަރަކީ ޖާބިރުކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މަސްތުވާތަކެތީގެ ތުހުމަތުވެސް ކުރެއްވިއެވެ.
ރާއްޖޭގައި އުފެދުނު ފުރަތަމަ އަލަމްގީރު، ދިވެހިރާއްޖެއިން ވައްކަން ކޮށްގެން ފުރަތަމަ ފަހަރަށް މި މަޖިލީހުގައި އަރުވާލަފައި ހުރި ހަމައެކަނި އިއްޒަތްތެރި މެންބަރު..
– ޝަރީފް ވިދާޅުވިއެވެ.
މިއާއެކު ރިޔާސަތުގައި އިންނެވި ރައީސް ނަޝިދު ވަނީ ދެބޭފުޅުންގެ ވާހަކަތައްވެސް ކުށްވެރިކުރައްވާފައެވެ. އަދި ވިދާޅުވީ، އެގޮތަށް ވާހަކަ ދައްކަވާނަމަ މަޖިލިސް ދޫކުރައްވާ ވަޑައިގަތުމަށެވެ.
އެ ދެމެންބަރުގެ ބަސްމަގު ހުރިގޮތާއި ގުޅިގެން މަޖިލީހުގެ އެހެން މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ