މިހަތަރު އަހަރު މަރުގެ މައްސަލަތަކުގައި އޮތީ ސިޔާސީ ވާހަކަދެއްކުން: ސަލީމް

މިހަތަރު އަހަރު މަރުގެ މައްސަލަތަކުގައި އޮތީ ސިޔާސީ ވާހަކަދެއްކުން: ސަލީމް

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2022 10:23
0

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައިދޭނެކަމަށް ވައުދުވެ އައި ސަރުކާރުގެ ހަތަރު އަހަރުގައިވެސް ފެނިގެން ގޮސްފައިވަނީ ސިޔާސީ މަގުސަދެއްގައި ހުސްވާހަކަތަކެއް ދެއްކި މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު މިމަހުގެ 2 ވަނަ ދުވަހު ހުޅުމާލެއިން ފެނިފައިވާއިރު، މިކަމުގައި ފުލުހުންނަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަރުގެ މައްސަލަތަކުގައި މިހާބޮޑެތި ވައުދުވީ ސަރުކާރެއް ތާރީހުގައިވެސް ނެތްކަމަށެވެ.

ސަލީމް ވިދާޅުވީ މިސަރުކާރުން މަރުގެ މައްސަލަތަކުގައި ދައްކަނީ ސިޔާސީ ވާހަކަތަކެއްކަމަށެވެ. މިވީ ހަތަރު އަހަރުގެ ތެރޭގައި އަމިއްލަ އެދުމަށް އަމިއްލަ އެޖެންޑާ ހާސިލް ކުރަން ފިޔަވައި ވީއެއްކަމެއްވެސް ނެތްކަމަށް ސަލީމް ވިދާޅުވިއެވެ.

ވާހަކަ ދައްކަނީ މަގުސަދު ހާސިލް ކުރާކަށްނޫން. ހަގީގަތް އޮޅުވާލަން. ފުލުހުން މައްސަލަ ނުބަލާނަމަ އެޅެންޖެހޭ ފިޔަވަޅު އަޅަންޖެހޭ. މަޖިލީހުގައި ކޮމެޓީތައް އެބަހުރި. މަރަކީ އާދައިގެ އެއްޗެއްނޫން. އެތައްބަޔަކު ކުއްލި މަރުތަކުގައި މަރުވަމުން މިދަނީ. އެތައް ބަޔަކު މަރާލަމުން މިދަނީ. މިކަންކަން ބަލަންޖެހޭ.

– ސަލީމް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ބޭނުން ކުރީ ރިޞުވާނުގެ މަރުގެ މައްސަލަކަމަށް ސަލީމް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ހެޔޮ ނިޔަތެއް މިސަރުކާރުގައި މިކަންކަމުގައި ނެތުމުން އެއްވެސް މަރަކަށް އިންސާފު ހޯދިފައި ނުވާކަމަށް ސަލީމް ވިދާޅުވިއެވެ.

މިސަރުކާރުން މިހާތަނަށް ރިޞުވާނުގެ އެހެން މީހުންގެ މައްސަލައެއްވެސް ބަލަން އެއްވެސް ހިޔޮ ނިޔަތެއްނެތް. މިކަންކަމަށް ފަންޑު ކުރި މީހުންވެސް ތިބޭނެ. މިިމީހުން ހޯދޭނެ. މަނިކުފާނު މަރާލަން އުޅުނު މީހުންނާއި ފަންޑުކުރި މީހުން ނުހޯދެނީ ކީއްވެތޯ.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ މިމައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަމާއި ހަވާލުވުމަށްފަހު ޕީޕީއެމްގެ ސަރުކާރުން މިހުރިހާ މަރަކަށް އިންސާފު ހޯދައި ދޭނެކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.