ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާގެ ކައިވެނީގެ ހަފްލާތައް ފަށައިފިއެވެ.
ދެތަރިން އަންނަނީ މި ކައިވެނީގެ ހުރިހާ މައުލުމާތެއް މީޑިއާއާ ހިއްސާ ކުރަމުންނެވެ. އެގޮތުން ފޯރިގަދަ ކައިވެނީގެ ހަރަކާތްތައް މިހާރު ފަށާފައި ވާއިރު އެދެތަރިންގެ ކައިވެނި އޮތީ އަންނަ އަންގާރަ ދުވަހުއެވެ.
ކައިވެނި ކުރުމަށް ވަގުތު ކުޑަތަން ވެފައި ވާއިރު ދެތަރިން ވެސް އަންނަނީ ކައިވެނީގެ ކުރިން ބާއްވާ ހުރިހާ ހަފްލާތަކެއްގައި ބައިވެރިވަމުންނެވެ.
މިދެމީހުން ކައިވެނި ކުރަނީ އިންޑިއާގެ އާދަކާދަތަކާ އެއްގޮތަށެވެ. އަދި ކައިވެނީގެ ކުރީގެ ހަފްލާތައް މިހާރު ކުލަގަދަކޮށް ދާނަމަ ކައިވެންޏަށް ފަހު އޮންނަ ހަފްލާތަށް މިއަށްވުރެ ކުލަ ގަދަވާނެކަމަށް މީޑިއާތަކުން ވަނީ ލަފާކޮށްފައެވެ.
އެ މީހުންގެ ކައިވެނީގެ ހަފްލާގެ ހަރަކާތްތައް ނިންމާލާނީ މިމަހުގެ ހަތް ވަނަ ދުވަހު، މުމްބާއީގައި ބާއްވާ ބޮޑު ޕާޓީއަކުންނެވެ. ބެލެވޭ ގޮތުގައި އެ ޕާޓީގައި ފިލްމީީ ދާއިރާގެ ގިނަ ބަޔަކު ފެންނާނެއެވެ.
އަލީ އާއި ރިޗާ ދިމާވީ 2012 ވަނަ އަހަރު، "ފުކްރޭ"ގެ ސެޓުންނެވެ. 7 އަހަރުގެ ދިގު މުއްދަތެއްގައި ރައްޓެހިވެގެން އުޅުނު ދެމީހުން ކައިވެނީގެ އެންމެ ފަހުގެ ތައްޔާރިތަށް ވަމުން އަންނައިރުގައި 2020 ވަނަ އަހަރުވެސް ކައިވެންޏަށް ތައްޔާރުވަމުން ދިއަ ދެތަރިން އެ އަހަރުގައި ކައިވެނި ނުކުރީ ކޯވިޑް ޕެންޑަމިކްގެ ސަބަބުންނެވެ.