ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި، ސްކޫލްތަކާއި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް މާލީ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ރާއްޖެއަށް 9 މިލިއަން ޑޮލަރު ނުވަތަ 139 މިލިއަން ދިވެހި ރުފިޔާގެ އެހީއެއް ދިނުމަށެވެ.
ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލިމާ އަދި ފަށާ ސާނަވީ ތައުލީމު އެންމެންނަށް ފޯރުކޮށްދީފައިވީ ނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާ އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ވެސް ތަފާތުތަކެއް އެބަހުއްޓެވެ. ގްރޭޑް 4 އަދި ގްރޭޑް 7ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައިކަމަށް ވޯލްޑު ބޭންކުން ހާމަކުރެއެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެކަމަށް ޒާވޮސް ވިދާޅުވިއެވެ.
އަލަށް މި ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެއެވެ.
މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެއެވެ.
އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެކަމަށް ވޯލްޑް ބެންކުން ބުނެއެވެ. އަދި ހާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެ ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.