ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2022 11:48
0

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެންމެފަހުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 66 އިންސައްތަ ނިމިފައެވެ.

ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި އެރަށު ބަނދަރު ފުންކޮށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކުންފުނިން އެއްކޮށް ނިންމާފައެވެ. ނެއްލައިދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާފުރުމުގެ ދަތިކަމަކީ އެރަށުގެ ރައްޔިތުންނަށް ޒަމާނުންސުރެ ކުރިމަތިވެފައި އޮތް ބޮޑުމައްސަލައެކެވެ.

ނެއްލައިދޫއަކީ އާމްދަނީ ހޯދުމުގެ ގޮތުން އިމާރާތްކުރުމާއި ފަތުރުވެރިކަން އަދި މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.