އޮސްޓްރިއާ ބަލިކޮށްފްރާންސަށް ފުރަތަމަ މޮޅު

އޮސްޓްރިއާ ބަލިކޮށްފްރާންސަށް ފުރަތަމަ މޮޅު

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ އެކެއްގައި އޮސްޓްރިއާ ބަލިކޮށް ފްރާންސް ރެލިގޭޝަނުން ސަލާމަތްވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސީންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާދިނީ އޮލިވަރ ޖިރޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކިލިއަން އެމްބާޕޭއެވެ.

އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ފުރަތަމަ ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިން ޖިރޫއެެވެ. މިލަނޑައެކު އޭނާ ވެފައިވަނީ ފަރަންސޭސި ޤައުމީ ޓީމަށް މިހާތަނަށް ލަނޑު ޖަހާދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާގެ އުމުރަކީ މިހާރު 35 އަހަރާއި 357 ދުވަހެވެ. 1959 ވަނަ އަހަރު ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ރޮޖަރ މާޝް ލަނޑު ޖެހިއިރު އޭނާ ޖިރޫއަށްވުރެ 70 ދުވަސް ހަގެވެ.

މިކާމިޔާބީއާއެކު ފަރަންސޭސިވިލާތް މިވަނީ ރެލިގޭޝަނުން ސަލާމަތްވެފައެވެ. މިގޮތުން އެޓީމް ބަލިވި ނަމަ ނޭޝަންސް ލީގުގެ ދެވަނަ ދަރަޖައަށް ރެލިގޭޓް ވެގެންދިޔައީހެވެ. އެޓީމަށް މިހާރު ލިބިފައިވަނީ ފަސް މެޗުން ފަސް ޕޮއިންޓެވެ. ނަމަވެސް މިއަންނަ އާދީއްތަ ދުވަހު ކުޅޭ ފަހު މެޗްގައި ޑެންމާކް އަތުން ފަރަންސޭސީން ބަލިވެ އަދި ގްރޫޕްގެ އެއްވަނައިގާ އުޅޭ ކްރޮއޭޝިއާ އަތުން އޮސްޓްރިއާ މޮޅުވެއްޖެނަމަ ފަރަންސޭސީން އަދިވެސް ރެލިގޭތް ވުމުގެ ފުރުސަތު އެބައޮތެވެ.

މިގްރޫޕްގައި ރޭ ތާވަލްގެ އެއްވަނައަށް ވާދަކުރަމުންދާ ކްރޮއޭޝިއާ އާިއ ޑެންމާކް ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށް ކްރޮއޭޝިއާވަނީ ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. އަދި ފަހު މެޗްގައި އޮސްޓްރިއާ އަތުން މޮޅުވެއްޖެނަމަ ކްރޮއޭޝިއާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރު ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *