އޮސްޓްރޭލިއާ ސިފައިން ވަނީ އަފްއާނިސްތާނުގައި ހަގުރާމައިގެ ޖަރީމާތައް ހިންގާފައި: އޮސްޓްރޭލިއާ

އޮސްޓްރޭލިއާ ސިފައިން ވަނީ އަފްއާނިސްތާނުގައި ހަގުރާމައިގެ ޖަރީމާތައް ހިންގާފައި: އޮސްޓްރޭލިއާ

Author
ހުސެއިން
19 ނޮވެމްބަރ 2020 09:17
0

އަފްއާނިސްތާނުގައި އާންމު ރައްޔިތުން މަރާފައިވާކަމަށް ބުނެ އޮސްޓްރޭލިއާގެ މީޑިއާތަކުން މީގެ ކުރިން ގެނައި ރިޕޯޓްތަކަކާއި ގުޅިގެން ހިންގި ތަހުގީގަކުން، އޮސްޓްރޭލިއާގެ ސްޕެޝަން ފޯސަސްއިން އަފްއާނިސްތާނުގައި އާންމުން މަރާ، ހަގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަން ސާބިތުވާކަމަށް އެގައުމުން ބުނެފިއެވެ.

4 އަހަރުވަންދެން އޮސްލްރޭލިއާއިން ހިންގި މި ތަހުގީގުގެ ނަތީޖާ އާންމު ކުރުމަށްފަހު އެގައުމުގެ ޑިފެންސް ފޯސަސްއިން ހާމަކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސެސްގެ ސިފައިން އަފްއާނިސްތާނުގައި 39 އާންމުން،، ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފަށް މަރާފައިވާ ކަމަށް މިތަހުގީގުން ދައްކާކަމަށެވެ. މީގެ ތެރޭގައި ފިރިހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން މި ތަހުގީގު 2016 ވަނަ އަހަރު ފައްޓާފައިވަނީ، ވިސިލް ބްލޯވަރުންނާއި އަދި އޮސްޓްރޭލިއާގެ މީޑިއާތަކުން މި މައުލޫމާތުތައް ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އެންމެ ފުރަތަމަ އޮސްޓްރޭލިއާ ސަރުކާރުން މި މައުލޫމާތުތައް ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

މި ތަހުގީގުގެ މައުލޫމާތު އާންމުކުރަމުން، އޮސްޓްރޭލިއާގެ ޑިފެންސް ފޯސްގެ ޗީފް، ޖެނެރަލް އަންގުސް ކޭމްޕްބެލް ވިދާޅުވީ، އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސަސްގެ ބައެއް މެމްބަރުން އަފްއާނިސްތާނުގައި ގައިދީންނާއި، ދަނޑުވެރިންނާއި، އާންމު ރައްޔިތުންވެސް ހަގުރާމައިގެ ގާނޫނުތަކާ ޚިލާފަށް މަރާފައިވާކަމުގެ ހެކި ފެންނާން ހުރި ކަމަށެވެ. އަދި އޭނާ ވަނީ އަފްއާނިސްތާނުގެ ރައްޔުތުންގެ ގާތުން މާފަށްވެސް އެދިފައެވެ.

ކޭމްޕްބެލް ވިދާޅުވިގޮތުގައި، އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ސްޕެޝަލް އެއަރ ސާވިސް ރެޖިމެންޓަށް ނިސްބަތްވާ 25 އޮފިސަރަކުވަނީ ކުށެއްނެތް، އަފްއާނިސްތާނުގެ 39 އާންމު ރައްޔިތަކު މަރާލުމުގައި ބައިވެރިވެ، މިފަދަ 23 ހާދިސާއެއްގައި ބައިވެރިވެފައެވެ.

އޮސްޓްރޭލިއާ ިސިފައިން އަފްއާނިސްތާނުގައި ހަރަކާތްތެރި ވަނީ

މީގެތެރޭގެ ބައެއް އޮފިސަރުން އަދިވެސް އޮސްޓްރޭލިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރަމުންދާއިރު، މީގެތެއިން ބައެއް އޮފިސަރުން މިހާރުވަނީ އަސްކަރިއްޔާއިން ވަކިވެފައެވެ. މިތަހުގީގަށް ފަހު، ތަހުގީގު ޓީމުން ވަނީ، މި ޖަރީމާތަކާ ގުޅޭ 23 ހާދިސާއަކާ ގުޅުންހުރި 19 އޮފިސަރެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް އެގައުމުގެ ޕޮލިހަށް މިމައްސަލަތައް ހުށަހަޅާފައެވެ.

މި ތަހުގީގު ރިޕޯޓާއެކު ފޮނުވާފައިވާ ސިޓީގައި އޮސްޓްރޭލިއަން ޑިފެންސް ފޯސްގެ އިންސްޕެކްޓަރ ޖެނެރަލް ޖޭމްސް ގޭނަރ ވިދާޅުވެފައިވާ ގޮތުގައި ތުހުމަތުކުރެވޭ މި ޖަރީމާތައް ހިންގާފައިވަނީ ވަރަށް އަނިޔާވެރި ގޮތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އަފްއާނިސްތާނުގައި އޮސްޓްރޭލިއާ ސިފައިންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ދޭތެރޭ ވަރަށް އަނިޔާވެރިކޮށް އަމަލްކޮށްފައިވާ ކަމުގެ އިތުރު ހެކިތައްވެސް ހުރިކަމުގައެވެ.

"މި ހާދިސާތައް ހިގާފައިވަނީ ހަގުރާމަވެރި ހަމަލާތަކެއްގެ ތެރޭގައެއްވެސް ނޫން. މި ހަމަލާތަކުގެ ޝިކާރައަކަށްވި އާންމު ރައްޔިތުންނަކީ ހަގުރާމައިގަ އެއްވެސް ވަރަކަށް ބައިވެރި ނުވާ އާންމު ރައްޔިތުން." އޭނާ މިސިޓީގައި ލިޔުއްވާފައި ވެއެވެ.

މި ތަހުގީގުގައި، އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ސުޕްރީމް ކޯޓުގެ ޖަޖް ޕައުލް ބެރެޓަން އާއި އޭނާގެ ޓީމުން ވަނީ 423 ހެއްކަކާއި ސުވާލު ކޮށްފައެެވެ. އަދި ވަނީ 20،000 ޑޮކިއުމަންޓް އާއި 25،000 ފޮޓޯ ދިރާސާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.