އައްޑޫ ސިޓީ އަށް ލިބުނު ތަރައްގީއެއް ވިއްޔާ ލިބުނީ މީގެ 50 އަހަރު ކުރިން އިނގިރޭސިންގެ ފަރާތުން ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2ވަނަ، އަވަހާރަވުމާ ގުޅިގެން އެކި ފަރާތްތަކުން ފާޅު ކުރަމުންދާ ޝުއޫރުތަކާއި ގުޅިގެން އުގައިލް ވިދާޅުވީ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އައްޑޫ މީހުންނަށް ލިބުނު ކުރިއެރުމެއް ވެސް އަދި ލިބުނު ތަރައްގީއެއް ވެސް ލިބުނީ މީގެ 50 އަހަރު ކުރިން އިނގިރޭސިން އަދި ރާނީގެ ފަރާތުން ކަމަށެވެ. އޭގެފަހުން އައްޑޫ އަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އުގެއިލް ވިދާޅުވިއެވެ.
96 އަހަރުގައި އިއްޔެ އަވަހާރަވި ރާނީގެ ހިދުމަތަށް ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެކަމަނާއަކީ އިސްލާމުންނާއި އިންސާނިއްޔަތާއި ދެކޮޅަށް މަސައްކަތް ކުރަށްވާފައިވާ ބޭފުޅެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ރާނީ އެލިޒަބަތު ވަނީ 1972 ވަނަ އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހު އައްޑޫ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެދަތުރުފުޅުގައި އެކަމަނާ މާލެ އަށް ވެސް ވަޑައިގެންނެވިއެވެ. މާލެއަށް ރާނީ އެލިޒަބަތު ވަޑައިގެންނެވުމުން ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އެރުވިއެވެ.
ރާނީ އެލިޒަބަތު އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ ރަނިކަމާ ހަވާލުވެ ވަޑައިގަތީ 1952ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6ވަނަ ދުވަހު، އެ ކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަތަރުވަނަ އަވަހާރަވުމާ ގުޅިގެންނެވެ. އެއިރު އެ ކަމަނާގެ އުމުރުފުޅަކީ 25 އަހަރެވެ.
ކޮމެންޓު ފޮނުވާ