ކުށްކުރުން އިތުރުވެ، މުޖުތަމައު ތެރޭގައި ބިރުވެރިކަން އިތުރުވެފައިވާ ކަމަށް ބުނެ ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ގޮވާލާ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލައިގައި ބުނެފައިވަނީ މީހުން މެރުމާއި މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާ ގުޅިގެން މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދެމުންދާ ކަމަށެވެ. އަދި، އެފަދަ ކުށްތައް ކުރާ މީހުން މުޖުތަމައުގައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.
ހާއްސަކޮށް, އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަ އާއި އެކަމާ ގުޅިގެން ހިންގާ މާރާމާރީ އާއި ވައްކަން އިންތިހާއަށް އިތުރުވެ, ރައްޔިތުން ގޮތް ހުސްވެ, ކަންބޮޑުވެފައިވާއިރުވެސް, އެކަށޭނެ ހައްލެއް ހޯދައިދެވިފައިނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި މައްސަލައިގައި ވަނީ މަސްތުވާތަކެތީގެ މައްސަލައާއި މާރާމާރީފަދަ މައްސަލަތައް އިތުރުވާއިރު ފިޔަވަޅު ނޭޅޭތީ ރަށްރަށާއި ސިޓީތައް ހަލާކުގެ ތެރެއަށް ވެއްޓެމުން އަންނަ ކަން ފާހަގަކޮށްފައެވެ. މިކަންކަން ހައްލުކުރުމަށް ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
މި މައްސަލަ ބަލައިގަތުމާ މެދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ހާޒިރުވެތިއްބެވި 40 މެންބަރުންގެ ތެރެއިން 25 މެންބަރުން ވޯޓު ދެއްވީ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.
ކުށްކުރުން އިތުރުވާތީ ހުށަހެޅި މުހިއްމު މައްސަލަ ބަލައިނުގަންނަން މަޖިލީހުން ނިންމިއިރު، މައިނޯރިޓީން ހުށަހަޅާ މުހިއްމު މައްސަލަތައް ބޭރުކޮށްލާ މައްސަލައިގާ އިދިކޮޅުން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.