ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓް ކުރުންކަމަށެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަސައްކަތުގެ ތެރެއިން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއްލެވެލްއެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފއްދާ ކަރެކްޝަންގެ އޮނިގަނޑުގެ ތެރޭގައި ހިމަނާ ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކުވެސް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ޤައިދީންނަކީވެސް ރިހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހަޤީޤަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް, އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން. ކޮންމެސް މައްސަލައެއް އޮވެގެން އެތަނަށް ދިޔާމާ އެތަނުގެ ތެރޭން ކޮންމެސް ޕްރޮގްރާމެއްގައި ބައިވެރިވެ ކޮންމެސް ފިލާވަޅެއް, ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައުއަށް އަންނަންވާނީ. އެކަން ކަށަވަރުކޮށްދިނުމަކީ ކަރެކްޝަންގެ ޒިންމާއެއް, މަސްއޫލިއްޔަތެއް. ވާޖިބެއްކަމަށް އަޅުގަނޑު ދެކެނީ.
– އިމްރާން ވިދާޅުވިއެވެ.
ރިހިބިލިޓޭޝަން މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރިހިބިލިޓޭޝަންގެ މަސައްކަތަށް އަހުލުވެރިވެފައިތިބި އޮފިސަރުން އުފެއްދުންކަމަށާއި, އެކަމަށް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް ދައުލަތުން ވަރަށްބޮޑު ހޭދައެއް ކޮށް, މަގުފަހިކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސަރުކާރުން މަސައްކަތް ފެށީ ޖަލުތަކުގެ އިންފްރާސްޓްރަކްޗަރއަށް އިންޤިލާބީ ބަދަލެއް ގެންނަފަދަ ތަސައްވަރަކާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް19 އިގެ ދަތިކަމާއެކު, ގޮންޖެހުންތައް ބޮޑުކަމުން އެކަމުގައި ކުރަންޖެހޭވަރާ ގާތަށްމަސައްކަތް ނުކުރެވުނު ނަމަވެސް ދަތިތަކާއެކުވެސް މިދިޔަ ތިން އަހަރާއި, ބައިގެ ތެރޭގައި ގާތްގަނޑަކަށް 250 އެއްހާ ޖާގަ ޖަލުތަކުގައި އިތުރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ޖަލުގެ މަސައްކަތް މިއަހަރު ފެށުމަށް އުއްމީދުކުރައްވާކަމަށްވެސްވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ޖަލު ކޮމްޕްލެކްސް ވެގެންދާނީ ރާއްޖޭގެ ޖަލުގެ ނިޒާމަށް ނުވަތަ ތާރީޚަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޤައިދީން ބެލެހެއްޓޭވަރަށް އެކަށީގެންވާ މިންވަރަށް އޮފިސަރުން ނެތުން އެއީ އޮތް ގޮންޖެހުމެއް ކަމަށެވެ. އެކަމަކު ކޮވިޑްގެ ދަތިކަމާއި, އިޤްތިސާދީ ދަތިކަމާއެކުވެސް, ބަޖެޓްގައި ހިމެނިފައި ނެތި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން 150 އޮފިސަރުން އަލަށް ނެގުމަށް ފުރުޞަތު ހޯއްދަވައިދެއްވިކަމަށެވެ. އަދި އޭގެތެރެއިން ގާތްގަނޑަކަށް 120 އޮފިސަރުން ރެކްރޫޓްކުރެވިފައިވާކަމަށާއި, އެއޮފިސަރުންނަށް ފުރިހަމައަށް ތަމްރީނު ދެވުމުން މިހާރު މިއޮތް ދަތިކަމަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށްބޮޑު ލުޔެއް ފަސޭހައެއް ލިބިގެންދާނެކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.