ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ކަޕޫރު އެހެން އަންހެނަކާއި ލޯބީގެ ގުޅުން ބެއްވި ކަމަށް ސަންޖޭގެ އަންހެނުން މަހީޕް ކަޕޫރު ބުނެފިއެވެ.
މަހީޕް ކަޕޫރު އަންނަނީ ނެޓްފްލިކްސް އިން ގެނެސްދޭ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގައި ބައިވެރިވަމުންނެވެ.
އޭގެ ފުރަތަމަ ސީޒަން ނިންމައި ދެވަނަ ސީޒަން ސްޓްރީމް ކުރަން ފަށާފައި ވާއިރު މަހީޕް ބުނެފައިވަނީ 25 އަހަރުގެ ދިގު ދަތުރުގައި ސަންޖޭ އޭނާ އަށް ޗީޓް ކުރިކަމަށެވެ.
ސަންޖޭ އާއި މަހީޕް ކައިވެނި ކުރީ 1997 ވަނަ އަހަރުއެވެ. އެކަައިވެނިން އެމީހުންނަށް ވަނީ ދެކުދިން ވެސް ލިބިފައެވެ.
ނަމަވެސް ދެކުދިން ލިބުން ފަހުން، ކައިވެންޏަށް 25 އަހަރުވެސް ވީފަހުން ސަންޖޭ އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅި ޗީޓް ކޮށްފައިވާ ކަަމަށް މަހީޕް ބުނެއެވެ.
"ސަންޖޭ ޗީޓް ކުރި އެކަމަކު މިހާރު އެކަން އެ އޮތީ ނިމިފައި. އަހަރެންގެ ހިތުގައި މިހާރު އެއްވެސް އެއްޗެއް ނެތް. ކޮންމެ މީހެއްގެ ލައިފް ގައިވެސް ތަފާތު ކަންކަމާ ދިމާވާނެ. އަޑިގުޑަންތައް އަންނާނެ. އެކަމުން މިހާރު އަރައި ގަނެވިއްޖެ. އަދި މިވަހަކަތައް ދެއްކުމަކީ އެހާ އުނދަގޫ ކަމެއް ވެސް ނޫން. އެކަމަކު މިހާރު އަހަރެމެންގެ ގުޅުން ވަރަށް ވަރުގަދަ"
– މަހީޕް
"ފެބިއުލަސް ލައިފްސް އޮފް ބޮލީވުޑް ވައިވްސް" ގައި ދައްކަނީ މަހީޕްގެ އިތުރުން ބާވްނާ ޕާންޑޭ އާއި ނީލަމް ކޮޓާރީ ސޯނީ އަދި ސީމާ ސަޗްދޭއެވެ.